ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން ގިނަ ދުވަސްތަކަކަށް މެދުކަނޑާލާފައި އޮތުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ގިނަ ރަށްތަކުގައި އަލުން ޖަމާޢަތުގައި ނަމާދުކުރަން ފަށައިފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލާފައިވަނީ 19 އޭޕްރީލް 2020 ވީ އާދީއްތަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެންނެވެ. އަދި މިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހުން ފެށިގެން މާލޭގައި ޖަމާޢަތުގައި ނަމާދުކުރުން ވަނީ ހުއްޓާލާފައެވެ.
މިއަދު ޖަމާޢަތުގައި ނަމާދުކުރަން ފަށާފައިވަނީ މާލޭގެ އިތުރުން 25 ރަށެއް ފިޔަވާ އެހެން ހުރިހާ ރަށެއްގައެވެ. މި ރަށްތަކަކީ މި ވަގުތު ރާއްޖޭގައި ފުރަބަންދު ޙާލަތުގައި ހުރި ރަށްރަށާއި، މޮނިޓަރިންގ ޙާލަތުގައި ހުރި ރަށްތަކުގެ އިތުރުން އެރަށެއްގައި މީހަކު ކަރަންޓީނު ކޮށްފައިވާ ރައްތަށް ހިމެނޭގޮތަށް ކަނޑައެޅުނު 25 ރަށެވެ.
މިވަގުތު ޖަމާޢަތުގައި ނަމާދުކުރުން މަނާކުރެވިފައިވާ ރަށްތައް:
- ހއ. އުލިގަން
- ހއ. ތަކަންދޫ
- ހއ. ދިއްދޫ
- ހއ. އުތީމު
- ހދ. ކުޅުދުއްފުށި
- ހދ. ހިރިމަރަދޫ
- ހދ. ކުމުންދޫ
- ށ. ނަރުދޫ
- ށ. މިލަންދޫ
- ށ. މާއުނގޫދޫ
- ށ. ފުނަދޫ
- ށ. ފީވައް
- ށ. ގޮއިދޫ
- ށ. ޅައިމަގު
- ނ. މަނަދޫ
- ނ. ހޮޅުދޫ
- ނ. ހެނބަދޫ
- ނ. ކެނދިކުޅުދޫ
- ނ. މިލަދޫ
- ނ. މާފަރު
- ނ. ވެލިދޫ
- ބ. ކެންދޫ
- ކ. ތުލުސްދޫ
- ކ. ހިންމަފުށި
- ކ. މާފުށި
- ކ. މާލެ
މިސްކިތްތައް ހުޅުވާލާއިރު، ކައުންސިލްތަކުން ސަމާލުކަންދޭންޖެހޭ ކަންކަން:
- ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތްތަކުގައި ކާޕެޓް އަޅާފައި ނެތުން.
- ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕްލައި ސާފުކުރުން.
- މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުން.
- ކޮންމެހެން ކުރަންޖެހިއްޖެ ހާލަތެއްގައި ނޫނީ އެއަރކޯނު ބޭނުން ނުކުރުމަށާއި، އެއަރކޯން ބޭނުންކުރާ ނަމަވެސް ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނޭ ގޮތް ހެދުން.
މިސްކިތަށް ދާ ފަރާތްތައް ސަމާލުކަން ދޭންޖެހޭ ކަންކަން:
- ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން.
- ކުޑަ މުސައްލައެއް ގެންދިއުން.
- މާސްކް އެޅުން.
- ރޯގާ ޖެހިފައި ނުވަތަ ހުން އައިސްފައި ނުވަތަ ކެއްސާ ނަމަ މިސްކިތަށް ނުދިއުން.
- ނަމާދު ނިމުމަށް ފަހުގައި މިސްކިތުގައި ގިނައިރުވަންދެން މަޑުނުކުރުން.
- ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ޢުމުރުން ދުވަސްވެފައިވާ މީހުން މިސްކިތަށް ނުދިއުން.
- އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުންފަދަ ކަންކަމުން ދުރުހެލިވުން.
- ޖަމާޢަތުގެ ސަފު ހެދުމުގައި ގައިދުރުކަން ނުބެހެއްޓުން.
އިސްލާމިކް މިނިސްޓްރީން އިތުރަށް ވިދާޅުވީ، މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރަން ފަށާ ރަށެއް، މިއަދަށް ފަހުގައި ހާލަތު ބަދަލުވެ ނަމާދު ކުރަން ނުފަށާ ރަށްތަކަށް ކަނޑައަޅާ ކެޓަގަރީއަށް ފެތިއްޖެނަމަ އެރަށެއްގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން މިވަގުތު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ މިހާރުގެ ހާލަތަށް ބަލައި ކަމާބެހޭ ފަރާތްތަކުގެ އިރުސާދުގެ ދަށުން މިވަގުތައް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށާއި، ހާލަތު ރަނގަޅުވަމުން އަންނަނަމަ އެކަންކަމުގައި ލުއިތަކެއް ދެމުން ގެންދާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.



