މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ރުމޭނިއާގެ ވައިސް ޕްރައިމް މިނިސްޓަރ އަނާ ބަރޗޯލް އާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ދިއައީ މިއަދު ހެނދުނު ރުމޭނިއާގެ ވައިސް ޕްރައިމް މިނިސްޓަރގެ އޮފީހުގައެވެ. މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދާއި ވައިސް ޕްރައިމް މިނިސްޓަރ އަނާ ބަރޗޯލް ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
ޔޫރަޕިއަން ކައުންސިލްގެ ރިޔާސަތު ބެލެހެއްޓެވުމުގައި ރުމޭނިއާއިން އަދާކުރަމުންދާ ދައުރަށް މަރުޙަބާ ދަންނަވައި، ތަފާތު އެކި ދާއިރާތަކުން ދިވެހިރާއްޖެއާއި ރުމޭނިއާއާއި ދެމެދު ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

އަންނަ ނޮވެމްބަރު މަހު ދިވެހިރާއްޖެއާއި ރުމޭނިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވުނުތާ 40 އަހަރުފުރުން ފާހަގަކުރާނެއެވެ.
ރުމޭނިއާއަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލު އާއި، މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ ފާތުމަތު ރަޒާނާއެވެ.




