ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމަށް މެލޭޝިއާގެ ނެކްސްބިޒް ކުންފުންޏާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުން ދިވެހި ސަރުކާރުން އުވާލުމުން ދައްކަން ޖެހުނު 18 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ނެކްސްބިޒަށް ދައްކައިފިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ މައްސަލަ ރިވިއުކޮށް، އެ މައްސަލާގައި ކުރިއަށް ދާނެ ގޮތަކާމެދު މަޝްވަރާ ކޮށްފައިވާއިރު، އެ ފައިސާ ދައްކާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.
އެ ފައިސާ ދައްކާފައިވަނީ އާބިޓްރޭޝަނުގެ އެންގުން ތަންފީޒުކުރަން ޖެހޭ ކަމަށް ސަރުކާރުން ގަބޫލުކުރާތީ ކަމަށާއި، އެއީ އެއްބަސްވުން އޭރު ސަރުކާރުން އުވާލާފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ދެކޭތީ ކަމަށް އެޓާނީ ޖެނަރަލްގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން އެޓާނީ ޖެނަރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އޮތް ތަނަކަށް ހަދައި، އިންވެސްޓްމެންޓްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި، އާބިޓްރޭޝަނުން ނިންމީ ނިންމުންތައް ތަންފީޒުކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކޭ ސަރުކާރުން ދެކިލައްވާ ކަމަށެވެ.
ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ނެކްސްބިޒްގެ އެއްބަސްވުން އުވާލާފައިވާއިރު، ނެކްސްބިޒްއިން އާބިޓްރޭޝަނުގައި އެދިފައިވަނީ ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 269 މިލިއަން ޑޮލަރު ހޯދުމަށެވެ.
20 އަހަރު ދުވަހަށް އެމްޑީޕީގެ ސަރުކާރުން އެކުލަވާލި އެއްބަސްވުން އުވާލަން ސަރުކާރުން ނިންމާފައިވަނީ، ނެކްސް ބިޒް އިން ރާއްޖޭގައި ގާއިމް ކުރާ ނިޒާމަކީ ރާއްޖެއާ އެކަށޭނެ ނިޒާމަކަށް ނުވާތީ އާއި، އެ އެއްބަސްވުމުގެ ދަށުން ނެކްސްބިޒަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހުމާއި ގުޅިގެންނެވެ. އަދި ހަމައެއާއެކު އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމުގައިވެސް ކޮރަޕްޝަން އެކުލެވޭކަމަށް އޭސީސީން ވަނީ ނިންމާފައެވެ.




