ނެތިގެއްލިދާ މި ސަޤާފަތާ، އުވެމުން މިދާ އަޚުވަންތަކަން
ނެތިގެއްލެމުންގޮސް އާދަޔާ، އުވިގެން ދަނީއެ މުރާލިކަން
ޒަމާނުގެ ތަރައްޤީއާއި ތަހުޒީބީ ކުލަ ޖެހެމުން މިދާ އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިރާއްޖެ ކުރަމުންދަނީ އެންމެ އާދޭހެކެވެ. ކަރުނަ އަޅާ ރޮމުން، ގިސްލަމުން ގޮވާލަނީ ހަމަ އެންމެ ކަމަކަށެވެ. ތަރައްޤީ ވަމުން ދާވަރަކަށް އަޅުގަނޑުމެން ދިވެހިން ތަރައްޤީވުމެވެ. ތަހުޒީބުވަމުން ދިޔަ ވަރަކަށް ތަހުޒީބުވުމެވެ. އެންމެން އަތުގުޅާލައިގެން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. ނަމަވެސް...
ދިވެހި ރާއްޖޭގެ ބޮޑެތި ސިޓީ ތަކުން ފެށިގެން ގޮސް އެންމެ ކުދި ރަށްތަކުގައި ދިރިއުޅެމުންދާ މީހުންނަށް ވިސްނާލަމާހެއްޔެވެ. އާބާދީގެ ނިސްބަތުން ބެލިކަމުގައި ވިޔަސް މިއަދު ގިނައީ ކޮންމެވެސް ބޭރު ކަރައަކުން ނުވަތަ ބޮޑު ޤައުމަކުން މަސައްކަތް ކުރަން އައިސް ތިބޭ މީހުންނެވެ. ސުވާލަކީ މި މީހުން އަޅުގަނޑުމެންގެ ތެރެއަށް އަންނަން ޖެހުނު ސަބަބަކީ ކޮބައިތޯއެވެ؟ ކުއްލިއަކަށް އެހާ ގިނަ ބޭރު ވިލާތް ވިލާތުގެ މީހުން އަޅުގަނޑުމެންގެ ތެރެއަށް އައިސް ކުރަނީ ކީއްތޯއެވެ؟
އާދޭހެވެ! މި ދަންނަވާލީ އަޅުގަނޑުމެން އެ ބަޔަކަށް "ބަންގާޅީންނޭ" ކިޔާ މީހުން ގިނަވާ ވާހަކައެވެ. ދިރިއުޅުން ފަސޭހަ ކޮށްލުމުގެ ނިޔަތުގައި ވަތަނުގެ އަނގަމައްޗަށް ފައިން އަރާ ވާހަކައެވެ. އަރާމު ތަންމަތިތަކުގައި ގިނަވަގުތު ހޭދަ ކުރުމަށްޓަކައި ގޮތް ނޭންގޭ ބަޔަކު ގެނެސްގެން އުޅޭ ވާހަކައެވެ.
ކާބަފައިންގެ އާދަކާދައާއި އުސޫލުތަށް ރަނގަޅަށް ދަނެތިބެ ބޭރު ބަޔަކު އައިސް އެ ރިވެރި ސަޤާފަތްތަކަށް ބޭނުން ގޮތެއް ހަދަން ދޫކޮށްލައިގެން ތިބޭ އިރު ދިވެހިންގެ ހިތްތަކަށް ކުޅަދާނަވެގެން ތިބޭތީ އަޅުގަނޑު ވަރަށް ދެރަވެއެވެ. މާލެއަށް ނަޒަރު ހިންގާލަމާހެއްޔެވެ؟ ދިވެހިން ތިބި ހާލިތަކުން ތެދުވާން ނުކެރި، ހިރިލަން ނުކެރި ކަންނެތްކަންމަތީ ރަޖާ އަޅައިގެން މެންދުރުން އަނބުރާ އެކެއް ދެއެއް ޖަހަންދެން އެ ތިބެނީ ހަމަ ކުރާނެ އެއްވެސް ކަމެއް ނެތިގެންތޯއެވެ؟ ފަތިސް ނަމާދުގެ ޖަމާޢަތަށް ދެތިން ސަފު ފުރިހަމަ ނުވުމަކީ އެ ކަމާ ވަރަށް ފުންކޮށް ވިސްނަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. މީގެ އިތުރުން ކައިރި އަވަށްޓެރިންނަށް އަޅާލާނެ ބަޔަކު އެއްގޮތަކަށްވެސް ނުވަނީތޯއެވެ؟ އެ މީހުންނަށް އަޅާލާ، ބޭނުންޖެހިއްޖެ ހާލަތެއްގައި އެހީތެރިވުމުގެ އަތެއް ދިއްކޮށްލާތަން ނުފެންނަނީ، ފަހެ އެންމެން އުޅެނީ މުއްސަނދިވެގެންތޯއެވެ؟ ފުދިގެންތޯއެވެ؟
ދިވެހިންގެ އާދަކާދަތަކަށް ބަލާލި ކަމުގައިވިޔަސް، ސަޤާފަތަށް ނަޒަރު ހިންގާލިޔަސް ފެންނަމުން ދަނީ ބޭރުގެ ކުލަތަކެވެ. ޢީދު ދުވަހެއް ކަމުގައި ވާނަމަ ބޮޑުމަސް ދުއްވުމާއި، ކޯޑިކެނޑުމާއި، މާލިނެރުމުގެ އިތުރުން ދަފި ނަގާ ބޮޑުބެރުޖަހާ އަޑުތަށް ކެނޑި ސްޓޭޖް ޝޯވ ތަކުގެ އަޑު ގަދަވެއްޖެއެވެ. ރޯދަމަސްނަމަ އަވަހަށް ތެދުވެ އަޅުކަންތަށް ކޮށްލާ، މީރު ކާއެއްޗެހި ތައްޔާރުކޮށްލަން ވަންނަ ބަދިގެ ހުންނަނީ ހުހަށެވެ.
އާދޭހެވެ! ދިވެހިންގެ ދިވެހިވަންތަކަން މިހާރު އުވިގެން ގޮއްސިއެވެ. އާދަކާދަޔާއި ސަޤާފަތް ނެތިވެ ހިނގައްޖެއެވެ. މިހެން ކަންތަށް ދިމާވުމުގެ ފަހަތުގައި އޮތީ ދިވެހިންގެ ކަންނެއް ކަމެވެ. މުސްލިމަކަށް ވެހުރެ އަޅުކަންތައް ކުރުމަށް ކަންނެއް ވުމެވެ. ދިވެއްސަކަށް ވާތީ ފަޚުރުވެރިވާކަން ދައްކަން ނުކެރި ކަންނެއް ވުމެވެ. ކަންނެއްކަން ދޫކޮށްލާ މުރާލިވާން ފަށަމާ ހިންގާށެވެ. ސިއްޙަތު ރަނގަޅު ދިރިއުޅުމެއް އުޅެވޭތޯ މަސައްކަތް ކުރަމާ ހިނގާށެވެ. ނެތި ގެއްލެމުންދާ ކަންތައްތަކުގެ ލިސްޓުން ދިވެހިންގެ މުރާލިކަން ފޮހެލަން އެންމެން އަތުގުޅާލާ މަސައްކަތް ފައްޓަމާހެއްޔެވެ؟