މިއަހަރުގެ ފުރަތަމަ 4 މަސްދުވަސް ނިމުނުއިރު ޓެކްސްގެ ގޮތުގައި ދަޢުލަތަށް 6 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިކަން ފިނޭންސް މިނިސްޓްރީއިން ހާމަކޮށްފައިވަނީ އެފަރާތުން އާއްމުކޮށްފައިވާ ތަފާސް ހިސާބުންނެވެ. ފިނޭންސް މިނިސްޓްރީން އާއްމުކުރި މިތަފާސް ހިސާބުގައި ދައްކާގޮތުންނަމަ ޓެކްސްގެ އާމްދަނީގެ ގޮތުގައި ލިބުނު 6 ބިލިއަން ރުފިޔާގެ ބޮޑުބައި ޚިއްސާކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ދަޢުލަތަށް ލިބިފައިވެއެވެ.
ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގައި ލިބިފައިވާ އެހެން
ޓެކްސްތަކަށް ބަލާލާއިރު ބީޕީޓީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު،
އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.05 ބިލިއަން ރުފިޔާ ދަޢުލަތަށްވަނީ ލިބިފައެވެ. އަދި
ގްރީން ޓެކްސްގެ ގޮތުގައި 320 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއަރޕޯޓް ސަރވިސް
ޗާޖުގެ ގޮތުގައި 257 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ރެމިޓަންސް ޓެކްސްގެ
ގޮތުގައި 34.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ފުރަތަމަ 4 މަހު ޓެކްސްގެ ގޮތުގައި ލިބިފައިވާ 6 ބިލިއަން
ރުފިޔާގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ
ދައުލަތަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި ރިސޯޓް ކުލީގެ ގޮތުގައި ލިބިފައިވާ
459.7 މިލިއަން ރުފިޔާއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބިފައިވާ 259
މިލިއަން ރުފިޔާ ހިމެނެއެވެ.
ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ
7.9 ބިލިއަން ރުފިޔާއަށް އަރާއިރު، މި މުއްދަތުގެ ތެރޭގައި ކުރެވުނު ޚަރަދު އުޅެނީ
7.5 ބިލިއަން ރުފިޔާގައެވެ. އޭގެ ތެރެއިން 79 އިންސައްތަ ނުވަތަ 5.9 ބިލިއަން
ރުފިޔާ ޚަރަދުކޮށްފައިވަނީ ސަރުކާރު ހިންގުމުގެ ޚަރަދަށެވެ. އަދި ތަރައްޤީއަށް
ޚަރަދުކުރެވިފައިވަނީ 21 އިންސައްތަ ނުވަތަ 1.5 ބިލިއަން ރުފިޔާއެވެ.




