އިހަވަންދޫ ސްކޫލްގައި ކޮމްޕިއުޓަރ ސްޓަޑީސް ކިޔަވައިދެމުންދާ ބިދޭސީ ޓީޗަރަކު އިސްލާމްދީން ޤަބޫލުކޮށްފިއެވެ.
ގޮކުލާ ކިރްޝާން ނަމަކަށްކިޔާ މިޓީޗަރަކީ އިންޑިއާގެ ޓެމިލް ނާޑު މީހެއްކަމަށާއި މީނާ އިސްލާމްދީން ޤަބޫލުކޮށްފައިނީ ރޯދަމަސް ފެށެން ހަފްތާއަކަށް ވެފައިވަނިކޮށް ކަމަށް "ޓީމް ދާވާ މޯލްޑިވްސް" އިން ބުނެފައިވެއެވެ.
އެހެން ކަންތައްތަކާ ޚިލާފަށް މުސްލިމުން ނަމާދަށް ބަހައްޓާ ފަރުވާތެރިކަމަކީ އޭނާ އިސްލާމްދީން ޤަބޫލުކުރި މައިގަނޑު އެއްސަބަބުކަމުގައި "ޓީމް ދާވާ މޯލްޑިވްސް" އިންވަނީ ބުނެފައެވެ. އަދި ރާއްޖޭގައި އުޅޭ ދަންނަ މުސްލިމް ބިދޭސީންގެ ފަރާތުން އެމަންޒަރު ފެނިފައިވާކަމަށް އޭނާ ބުނެފައިވާކަމަށްވެސް "ޓީމް ދާވާ މޯލްޑިވްސް" އިން ބުނެއެވެ.
"ޓީމް ދާވާ މޯލްޑިވްސް" އިން އިތުރަށް ބުނެފައިވަނީ އިސްލާމްދީނާއި ބެހޭކަންކަން މިހާރު އޭނާ ދަސްކުރަން ފަށާފައިވާކަމަށެވެ. އަދި އިސްލާމްދީނުގެ ފަސްރުކުންވެސް މިހާރު އޭނާއަށް އެނގޭކަމަށް އެފަރާތުން ބުނެއެވެ.
މުސްލިމެއްގެ ގޮތުގައި މިހޭދަކުރި 10 ދުވަހުގެ ތެރޭގައި އޭނާ މިހާރު ރޯދައިގެ އަޅުކަންވެސް އަދާކުރާއިރު ތަރާވީސް ނަމާދުގައިވެސް ބައިވެރިވަމުން އަންނަ ކަމަށް "ޓީމް ދާވާ މޯލްޑިވްސް" އިން ބުނެއެވެ. އަދި ކީރިތި ޤުރުއާނުގެ ބައެއް ކުދި ކުދި ސޫރަތްތައްވެސް މިހާރު އޭނާއަށް އެނގޭކަމަށް އެފަރާތުން ބުނެއެވެ.
ސަލްމާން އަލް ފާރިސީގެ ވާހަކައިން އިސްލާމްދީނަށް ޝައުޤުވެރިވި މިޓީޗަރުގެ މަންމައަކީ އަދިވެސް ހިންދޫއެކެވެ. ބައްޕަ އަދި އަނބިމީހާއަކީ ކްރިސްޓިއަނުންނެވެ. މިމީހުންނަށް ރަނގަޅު މަގު ކިޔައިދީ ހެޔޮމަގަށް އެޅުވުމަކީ އޭނާގެ މިހާރު އެންމެ ބޭނުން އެއްކަންތަކެވެ.