އެމްޓީސީސީގެ ޑްރައިވަރުންނަށް ޓްރެފިކް ކްލާސްތަކެއް ނަގައިދެނީ

ފުލުހުންނާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ގުޅިގެން، އެތަނުގެ މުވައްޒަފުންނަށް އަމާޒުކޮށް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭގޮތުން، މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ތިންދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިތަމްރީން ޕްރޮގްރާމްގައި، އެކްސިޑެންޓްތައް ކުރިމަތިވާ ސަބަބުތަކާއި އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި ރޯޑްކޯޑް އަދި ރައްކާތެރިކަމާއިއެކު މަގު ބޭނުންކުރާނެ ގޮތްތަކާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވުމަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

އަދި އެމްޓީސީސީއާއި ފުލުހުންނާ ގުޅިގެން ކުރިއަށްގެންދާ މިޕްރޮގްރާމްގައި 60 ޑްރައިވަރުން ބައިވެރިވެފައިވާއިރު، ޑްރައިވަރުންނަކީ މަގުމަތީގެ އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތައި ބަޔަކަށް ހެދުމާއި އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ރިވެތި ސުލޫކީ މިންގަނޑެއް ގެންގުޅުމާއި ޚިދުމަތް ހޯދާ ފަރާތްތަކަށް އިޙްތިރާމްކުރާ ބަޔަކަށް ޑްރައިވަރުން ހެދުމަށް، މަޢުލޫމާތު ދިނުމަށްވެސް މިތަމްރީނު ޕްރޮގްރާމްގައި ހަމަޖެހިފައިވެއެވެ.

މީގެއިތުރުން ޓްރެފިކް މައްސަލަތައް މަދުކުރުމާއިއެކު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކޮށް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ޑްރައިވަރުންނާއި ޓްރެފިކް ފުލުހުންނާއި ދެމެދު އޮންނަންޖެހޭ ގުޅުން ބަދަހިކުރުމަށްވެސް މިތަމްރީން ޕްރޮގްރާމްގެ ތެރެއިން މަސައްކަތް ކުރެވިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ