2018 އަހަރު ރިލީޒްކުރި "ވާނާ ބްރަދާސް"ގެ ބްލޮކްބަސްޓާ ފިލްމް، "އެކުއަމޭން" ގެ އަންހެން ލީޑު ކެރެކްޓާ "މޭރާ" ގެ ރޯލުން ފެނިގެންދިޔަ އެކްޓްރެސް "އެމްބަރ ހެޑް"، އެ ފިލްމްގެ ސީކުއަލް އިން ބޭރުކޮށްފި ކަމަށް މިދިޔަ މަހު ވަނީ ޙަބަރު ފެތުރިފައެވެ.
ބޭރު ދުނިޔޭގެ ވަރަށް ގިނަ ޙަބަރުތަކުގައި މިދިޔަ މަހު ރިޕޯޓުކޮށްފައިވާގޮތުން، ވާނާ ބްރަދާސްގެ އެކުއަމޭން ފިލްމްގެ ދެވަނަ ބައިން އެމްބަރ ހެޑް ވަކިކޮށްފައިވާއިރު، ކުރިއަށް އޮތްތާގައި އެ ޕްރޮޑަކްޝަން ކުންފުނީގެ އެއްވެސް މަސައްކަތަކުން އެމްބަރ ނުފެންނާނެއެވެ.
އެމްބަރ ހެޑް މި ފިލްމް އިން ވަކި ކޮށްފައިވަނީ، އޭނަގެ ކުރީގެ ފިރިމީހާ، މަޝްހޫރު އެކްޓަރު ޖޯނީ ޑެޕް އާއި ދެކޮޅަށް ކުރި ދޮގު ދައުވާއާއި ގުޅިގެން ކަމަށްވެސް ޙަބަރުތަކުގައިވެއެވެ.
އެހެންނަމަވެސް، އެކުއަމޭންގެ ދެވަނަ ބައިން އެމްބަރ ހެޑް ވަކިކުރިކަމުގެ އެއްވެސް ރަސްމީ ޙަބަރެއް އަދި މިހާތަނަށް އިއުލާންކޮށްފައެއް ނުވެއެވެ. އަދި ބައެއް ޙަބަރުތަކުގައި ރިޕޯޓު ކޮށްފައިވާގޮތުން މި ފިލްމް އިން އެމްބަރ ހެޑް ވަކިކުރުމުގެ ވިސްނުމެއް ވާނާ ބްރަދާސް އިން ނުގެންގުޅެއެވެ. ނަމަވެސް، މި ފިލްމް އިން އެމްބަރ ހެޑް ވަކި ކުރުމަށް އާއްމުންގެ ގިނަ ބަަޔަކު ދިޔައީ އެދެމުންނެވެ. އަދި އެމްބަރ ހެޑް ގެ ބަދަލުގައި ، އެކްޓްރެސް އެމިލިއާ ކްލާރކް "މޭރާ" ގެ ރޯލަށް ކާސްޓު ކުރުމަށް ގިނަ ބަޔަކު ވަނީ އެދިފައެވެ.
“އެމްބާ ހާޑް”އަށް ގެވެށިއަނިޔާ ކުރި ކަމަށް ބުނެ، 2016 ވަނަ އަހަރު ޖޯނީ ކައިރިން ވަރިވެ، ޖޯނީއާއި ދެކޮޅަށް ކޯޓުގައި ދައުވާކޮށްފައިވެއެވެ. އެހެންނަމަވެސް މިއީ ދޮގެއްކަން ފަޅާއަރާ، މިކަމުގެ ހަޤީގަތް މިހާރު ސާފުވެފައިވާއިރު، ޖޯނީގެ އެއްވެސް ކުށެއްނެތްކަން ފަހުން ވަނީ ސާބިތުވެފައެވެ.
އޭގެ ފަހުން ޖޯނީވެސް އެމްބާ އާއި ދެކޮޅަށް ދައުވާކޮށްފައިވާއިރު، ޖޯނީގެ ދައުވާގައި އޭނާގެ މައްޗަށް އެމްބާ ކޮށްފައިވަނީ އަސްލެއް ނެތް ދޮގު ތުހުމުތެއް ކަމަށާއި އެއީ މީހުންގެ ސަމާލުކަން ހޯދަން އޭނާ ޖެއްސި ސްޓަންޓެއް ކަމަށްވަނީ ބުނެފައެވެ. މީގެ އިތުރުން އެމްބާ އާއި ޑެޕްގެ ވަރީގެ މައްސަލަ ނިމުނީ ބަދަލެއްގެ ގޮތުގައި ޑެޕްގެ އަތުން އެބްމާ އަށް 7 މިލިއަން ޑޮލަރު ވެސް ލިބިގެންނެވެ.
މިކަން ފަޅާއެރުމާއެކު، އެމްބަރ ގެ އެކްޓިން ކެރިއާއަށް ވަނީ ވަރަށް ބޮޑު ގެއްލުމެއް ލިބިފައެވެ. އެގޮތުން މި އެކްޓްރެސްއަށް އެހެން ފިލްމްތަކުން ޖާގަ ލިބުންވެސް ވަނީ މަދުވެފައެވެ.



