ފޯޓީ ޕްލަސް ޕްރިމިއަރ ކުރުން ފަސްވެއްޖެ

ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކޮށް އިސްމާއިލް ޝަފީޤު ޕުރޮޑިއުސްކުރާ ފިލްމު 40 ޕްލަސް ޕްރިމިއަރ ކުރުން ފަސްކުރަން ނިންމައިފިއެވެ.

ފިލްމުގެ ޕްރޮޑިއުސާރ އިސްމާއިލް ޝަފީޤު "ފެށުމަށް" ވިދާޅުވީ، ކުރިން މިހިނގާ ފެބްރުއަރީ މަހުގެ 27 ގައި ޕްރިމިއާރ ކުރަން ހަމަޖެހިފައި އޮތް ފިލްމު، ޕްރިމިއަރ ކުރުން މާރޗް 5 ވާ އަންގާރަ ދުވަހަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

"ފިލްމް ޕްރިމިއަރ ކުރުން ފަސްކުރަން ނިންމީ ނޭޝަނަލް ސެންޓާރ ފޯރ ދަ އާރޓްސް (އެން.ސީ.އޭ) ގެ ރެކުއެސްޓަކަށް." ޕްރޮޑިއުސަރ އިސްމާއިލް ޝަފީޤު ވިދާޅުވިއެވެ.

ޝަފީޤް ވިދާޅުވީ، މާރޗް 5 އެއީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ދިވެހި ފިލްމު "ފޯޓީ ޕްލަސް" ޕްރިމިއަރ ކުރާނެ ފައިނަލް ތާރީޚް ކަމަށާއި އިތުރު ލަސްވުމެއް ނާންނާނެ ކަމަށެވެ.

އެން.ސީ.އޭ އިން އޮލިމްޕަސް ފެބްރުއަރީ 27 އަދި 28 ގައި ބޭނުންވަނީ ޗައިނާގެ ކަލްޗަރަލް ޝޯވ އެއް ބޭއްވުމަށް ކަމަށްވެސް ޝަފީގު ވިދާޅުވިއެވެ.

40 ޕްލަސް އަކީ 2017 ވަނަ އަހަރު ބެލުންތެރިންގެ މަޤްބޫލުކަން ހޯދި ފިލްމް ނޯޓީ 40 ގެ ދެވަނަ ބައެވެ. ނޯޓީ 40 އަކީ ހެއްވާ މަޖާ ފިލްމެއް ނަމަވެސް 40 ޕްލަސް އަކީ ހެއްވާމަޖާ އަދި ބިރުވެރި މަންޒަރު ތަކެއް ހިމެނޭ ފިލްމެއްކަން ފިލްމުގެ ޓްރެއިލާރ ބަލައިލުމުން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.

ގިނަ ފަންނާނުން ތަކެއް ހިމަނައިގެން ތ.ބުރުނީގައި ކުޅެފައިވާ މި ފިލްމަކީ، "ބިގެސްޓް މޫވީ އޮފް ދި އިޔާރ 2019" ގެ ނަމުގައި ޕްރޮމޯޓް ކުރަމުންގެންދާ ފިލްމެކެވެ.

ފިލްމު ޕްރިމިއަރ ކުރުމަށް ވަގުތު ކުޑަތަންވަމުންދާއިރު، މީސްމީޑިއާގައި ދައުރުވަމުންދާ ޕޯސްޓްތަކަށް ބަލާއިރު، ބެލުންތެރިންގެ މަޤްބޫލުކަން ހޯދައި އަދި ބެލުންތެރިންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވާނެ ފިލްމަކަށް 40 ޕްލަސް ވެގެންދާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް