އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ގޯދިއްޔާއިން އިންތިޒާމްކޮށްގެން އައްޑޫ ސިޓީގައި ބާއްވާ "ގޯދިއްޔާ ފުޓްސަލް ކަޕް" ގެ ފެށުން އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަން އެފްސީ ބޭރުމަތިން ރަނގަޅުކޮށްފިއެވެ.
މުބާރާތް ހުޅުވުމަށް ރޭ ކުޅުނު މެޗުގައި ބައްދަލުކޮށްފައިވަނީ، އެންމެފަހު ދެ އަހަރުގެ ޗެމްޕިއަން އެފްސީ ބޭރުމަތި ޓީމާއި، މާކަރީ ޔުނައިޓެޑެވެ. އެ މެޗު 2-1 އިން ކާމިޔާބު ކޮށްފައިވަނީ އެފްސީ ބޭރުމަތިންނެވެ.
ރޭ ކުޅުނު މުބާރާތުގެ ދެވަނަ މެދުގައި ބައްދަލުކުރީ އެފްސީ ޒެފިއާ އަދި ޔުނައިޓެޑް ފްރެންޑްސް އެވެ. މި މެޗު ބޮޑުތަފާތަކުން ކާމިޔާބުކުރީ ޒެފިއާއެވެ. ޒެފިއާއިން އެ މެޗުގައި 4 ލަނޑު ޖެހިއިރު ޔުނައިޓެޑް ފްރެންޑްސް އަށް ޖެހުނީ 2 ލަނޑެވެ.

ޖުމްލަ 16 ޓީމު ބައިވެރިވި މި މުބާރާތް ކުރިއަށް ގެންދަނީ 4 ގުރޫޕަކަށް ބަހާލައިގެންނެވެ.
ގުރޫޕް އޭ:
- އެފްސީ ބޭރުމަތި
- މާކަރީ ޔުނައިޓެޑު
- ޕަޓާސް
- އެފްސީ ސްޕްރިންޓް
ގުރޫޕް ބީ:
- ޔުނައިޓެޑު ފުރެންޑްސް
- އެފްސީ ޒެފިއާ
- އެފްސީ ސްކޫޕް ކަންމަތި
- ވެންބޮޅު ޔުނައިޓެޑް
ގުރޫޕް ސީ:
- ޒިލޯން
- އެފްސީ އަފިރިން
- ޔަންގަ ވަންސް
- އެފްސީ ޒިޔާރަތް ފަންނަ
ގުރޫޕް ޑީ:
- ފްރެންޑްސް ކުލަބު
- މަލްޓި ޖީނިއަސް
- އެސްއެމްޓީ
- ކުލަބު ސްކަވެންޖާސް

މި މުބާރާތުގައި މިރޭވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، އައްޑޫ މަރަދޫ ވެމްބޮޅު ފިށި ދަނޑުގައި ކުޅޭ މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޒިލޯން އަދި އެފްސީ އަފިރިންނެވެ. އަދި މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ، ފްރެންޑްސް ކްލަބް އަދި މަލްޓި ޖީނިއަސްއެވެ.

"ގޯދިއްޔާ" ގެ ސެކްރެޓަރީ ޖެނެރަލް ނާދިރު "ފެށުމަށް" ވިދާޅުވީ، މި މުބާރާތަކީ އައްޑޫގެ ފުޓްސަލް ޓީމުތަކުގެ ބޮޑު ތަރުހީބެއް ލިބޭ، ދުގު މައްދަތަކަށް މެދުނުކެނޑި ބާއްވަމުން އަންނަ މުބާރާތެއް ކަމަށާއި، ނަމަވެސް މާލެއިން ބޭރުގައި ބާއްވާ މުބާރާތެއްވީމަ ސަރުކާރުގެ ފަރާތުން އެކަށީގެންވާ އެހީތެރިކަމެއް ނުލިބޭތީ ކަންބޮޑުވާ ކަމަށެވެ.
މި މުބާރާތަކީ 85000ރ ޗެމްޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވާ ފޯރިގަދަ މުބާރާތަކެވެ. މިއީ މެދުނުކެނޑި މި މުބާރާތް ބާއްވާތާ 12 ވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ "ހެޕީމާކެޓް" އެވެ.