ޑެންގީ އަދި ޗިކަންގުންޏާ ޖެހޭ މިންވަރު އިތުރުވެއްޖެ

ވޭދުވެދިޔަ އަހަރުތަކުގެ ޖަނަވަރީ އިން އޭޕްރީލް މަހަށް ޑެންގީ ޖެހޭ މިންވަރަށް ބަލާއިރު، ހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ޖަނަވަރީ އިން އޭޕްރީލް މަހަށް ޑެންގީ ހުން ޖެހޭ މިންވަރު އިތުރުވެއްޖެއެވެ.

އެޗް.ޕީ.އޭ އިން މިއަދު ހާމަކުރި ތަފާތުހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޗިކަންގުންޏާ ޖެހިގެން މިހާތަނަށް 846 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މާޗް މަހު 279 މީހުން ޗިކުންގުންޔާ ޖެހިގެން ރިޕޯޓް ކުރި އިރު އޭޕްރީލް މަހު ވަނީ މިއަދަދު 310 އަކަށް އިތުރުވެފައެވެ.

ޑެންގީ ޖެހޭ މިންވަރަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް 1957 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައި ވެއެވެ. އަދި މިދިއަ މާޗް މަހު ޖުމްލަ 586 މީހުން ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފަވާއިރު އޭޕްރީލް މަހު ޑެންގީއާ ގުޅޭ 631 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިއީ އޭޕރީލް މަހާ އަޅާބަލާއިރު، 45 މީހުންގެ އިތުރުވުމެކެވެ.

އެޗެ.ޕީ.އޭ އިން ހާމަކުރި މި ރިޕޯޓުގައި، ޑެންގީއާއި، ޗިކަންގުންޏާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ޑެންގީ އާއި ޗިކަންގުންޏާއިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ މުހިއްމު ކަންތައްތައްކާއި ފަރުވާވެސް ބުނެދީފައިވެއެވެ.

އެގޮތުން، ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތުގައި ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ފެން ހަރުލާފަދަ ހުސްފުޅި ނުވަތަ ދަޅުފަދަ ފެދަ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުމަށް އެޗް.ޕީ.އޭ އިން އިލްތިމާސްކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ