އިންޓަރނެޓް ތައާރަފްވީ ޒަމާނުން ފެށިގެން މައުލޫމާތު ހޯދާ ލިބިގަތުމުގެ ކަންތައްތަކަށް މިދަނީ ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއެރުންތައް އަންނަމުންނެވެ. މިދުވެލި އިތުރަށް ހަލުވި ކޮށްދިނީ މީސްމީޑިއާ ވެބްސައިޓުތަކާއި އެޕްލިކޭޝަންތައް ތައާރަފްވީ ހިސާބުންނެވެ. މިއަދު ހާމަކޮށްލަން ބޭނުންވާ ޚަބަރެއް ނުވަތަ މައުލޫމާތެއް މީސްމީޑިއާގައި ހިއްސާކޮށްލުމުން މަދު މިނެއްޓު ކޮޅެއްގެ ތެރޭގައި އެ ޚަބަރެއް ނުވަތަ އެ މައުލޫމާތެއް ދުނިޔޭގެ ހަތަރު ބިތައް ފޯރައެވެ. އަދި އެ ޚަބަރަކީ ނުވަތަ އެ މައުލޫމާތަކީ މީހުން ހެއްވާލާ މަޖާ ޒާތުގެ ޚަބަރެއް ނުވަތަ މައުލޫމާތެއް ނަމަ ވައިގައި ހިފާލެއް އަވަސް ވެއެވެ.
ކަން މިހެން ހުރުމުން މީސްމީޑިއާގެ ބައެއް އެކައުންޓް ތަކުން މަޝޫރުކަން ހޯދުމަށާއި، އެބައެއް ތާއީދު ނުކުރާ ފަރާތްތަކުގެ އަގު ވައްޓާލުމަށާއި، އަދި މިނޫންވެސް ތަފާތު ބޭނުން ތަކަށް ޚަބަރާއި ފޮޓޯ ފަދަ އެއްޗިއްސަށް ބަދަލު ގެނެސް މީސްމީޑިއާއަށް އަޕްލޯޑް ކުރަމުންދަނީ މަދެއްކޮށް ނޫނެވެ. އަދި މިފަދަ ތަކެތީގެ ހަގީގަތެއް ނޭންގި ފެތުރުމުގައި އަޅުގަނޑުމެންގެ ތެރެއިން ބައެއް ފަރާތްތަކުން އެހީތެރިވަމުންދެއެވެ.
ޚަބަރުތަކާއި ފޮޓޯ ފަދަ ތަކެއްޗަށް ބަދަލު ގެނައުމާއި އަދި މިފަދަ އެއްޗެހީގެ ހަގީގަތެއް ނުބަލާ ފެތުރުމަށް އެހީތެރިވުމަކީ ވަރަށް ނުރަނގަޅު ކަމެކެވެ. މިފަދަ ކަންކަމުން ދުރުވުމަށް އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީންވެސް ބާރުއަޅާ ކަންކަމެވެ. ދޮގުހެދުމަކީ އިސްލާމްދީނުގައި ޙަރާމްކަމެކެވެ. އަދި ދޮގުގެ ސަބަބުން މުޖްތަމަޢު ފަސާދަވެގެންދެއެވެ. އަދި ތިމާ ގާތަށް މީހަކު ޚަބަރަކައިގެން އަތުވެއްޖެނަމަ އެޚަބަރެއްގެ ތެދޮ ދޮގު ނުބަލައި އެ ނުފެތުރުމަށްވެސް އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެނަށް އަމުރު ކުރެއެވެ.
ކޮންމެ މީހަކީވެސް އެމީހެއްގެ އަމަލުތަކާއި މެދު ޒިންމާދާރު ކުރެވޭނެ ފަރާތެކެވެ. ޚަބަރާއި މައުލޫމާތު ލިބިގަނެ އެ ފެތުރުމުގައި އަޅުގަނޑުމެން މިހާރަށްވުރެ ޒިންމާދާރު ވާނެޖެހެއެވެ. މުޖުތަމައުގެ މަސްލަހަތަށާއި އަދި އާހިރަތުގެ ކާމިޔާބީ ހާސިލްވާން އޮތީ މިގޮތަށް އަމަލްތައް ބަހައްޓައިގެންނެވެ. ލިބޭ ކޮންމެ ޚަބަރެއް އެންމެ އަވަހަށް ހިއްސާ ކޮށްލާ ފަރާތަކަށްވޭތޯ މަސައްކަތް ނުކޮށް ލިބޭ ޚަބަރަކީ ކިހާވަރެއްގެ ހަގީގަތެއްތޯ ފުރަތަމަ ހޯދާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހެއެވެ. އަދި އެނގިހުރެ މީހުންގެ އަބުރު ކަތިލުމަށް ޚަބަރާއި ފޮޓޯތަކަށް ބަދަލު ގެނައުން ހުއްޓަން ޖެހެއެވެ. މިއީ އެއްވެސް ހާލެއްގައި ކުރުމަށް މޮޅު ކަމެއް ނޫނެވެ.