ހޮންކޮންގްގެ ފިޗް އިން ރާއްޖެއަށް ދީފައިވާ ބީ ޕްލަސް ސޮވެރިން ކްރެޑިޓް ރޭޓިން ދަމަހައްޓައިފި އެވެ.
ސޮވެރިން ކްރެޑިޓް ރޭޓިންއަކީ ދައުލަތެއްގައިވާ ދަރަނި އަނބުރާ އަދާކުރުމުގެ ގާބިލްކަން ހުރި މިންވަރު އަންދާޒާކުރުމަށް، އެ މަސައްކަތަށް ހާއްސަ މިނިވަން އިދާރާއެއް މެދުވެރިކޮށް ތައްޔާރުކުރާ އެސެސްމަންޓްގެ ނަތީޖާއަށް ކިޔާ ނަމެކެވެ.
ފިޗް އިން ބުނީ ރާއްޖެއަށް ދީފައިވާ ބީ ޕްލަސް ރޭޓިން ދަމަހައްޓާފައިވަނީ ރާއްޖޭގެ އިތުރުވެފައިވާ ދަރަންޏާއި، ރާއްޖެއިން ކުރަމުންދާ ޚަރަދުގެ ނިސްބަތުން ބަލާއިރު ބޭރު ފައިސާގެ ރިޒާވް މަދުވުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް، އެކަށޭނަ ވަސީލަތްތައް ރާއްޖޭގައި ހުރިކަމުގައި ފާހަގަކުރެވޭތީ ކަމަށެވެ. އެގޮތުން ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ އިތުރުވަމުންދާ މިންވަރާއި، ކުރިއަރަމުން އަންނަ ޓޫރިޒަމު ސިނާއަތުން ލިބެމުންދާ އާމްދަނީ އިތުރުވާނެކަމަށް ކުރެވޭ އަންދާޒާގެ އިތުރުން ސްޓްރަކްޗަރަލް އިންޑިކޭޓަރުގެ ދުޅަހެޔޮކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ހޮންކޮންގެ ފިޗް ރޭޓިންގްސް (ފިޗް) އަކީ ކްރެޑިޓް ރޭޓިން ތައްޔާރުކުރުމުގެ ދުނިޔޭގެ ސިނާއަތުގެ 95 އިންސައްތަ ހިއްސާކުރާ ތިން ކުންފުނީގެ ތެރެއިން އެއްކުންފުންޏެވެ.