ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ހުވަދު އަތޮޅަށް ވަޑައިގެންފިއެވެ.
އަލީ ވަޙީދު ހުވަދު އަތޮޅަށް ވަޑައިގެންނެވި މަޤުސަދަކީ، މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރުވަން ޓުއަރިޒަމް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރެއްވުމަށެވެ.
މިނިސްޓަރުގެ މި 3 ދުވަހުގެ ދަތުރުފުޅުގައި، ހުވަދު އަތޮޅު ދެކުނުބުރިއަށާއި ހުވަދުއަތޮޅު އުތުރުބުރިއަށް ވަޑައިގަންނާނެއެވެ.
ގދ. އަތޮޅު ކައުންސިލާއި ގދ. ތިނަދޫގެ ކައުންސިލާއި މިނިސްޓަރ ބައްދަލުކުރައްވާފައިވާއިރު، މި ބައްދަލުވުމުގައި، މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތަކާއި ބެހޭގޮތުން ކައުންސިލާއި މަޝްވަރާކުރައްވާފައިވެއެވެ.
އަދި މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ތިނަދޫގެ ދަނޑުވެރިންނާއި އަދި ގެސްޓް ހައުސް ވިޔަފާރިވެރިންނާއި ބައްދަލުކުރައްވާ ވިޔަފާރި އިތުރަށް ވަރުގަދަ ކުރުމަށްޓަކައި މަޝްވަރާކުރައްވާފައެވެ.
މިނިސްޓަރުގެ މި ދަތުރުފުޅާ ބެހޭގޮތުން ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ، މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ހުވަދޫ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް އެރަށްތަކުގެ ކައުންސިލާއި ވިޔަފާރިވެރިންގެ ހިޔާލާއި ލަފާ ހޯދުންކަމުގައެވެ.




