ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ ހިޔާ ފްލެޓްތައް ލިބޭ ފަރާތްތައް އިއުލާންކުރަން ފަށާނީ 2020 ޖުލައި ފަހުކޮޅު ކަމަށް ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވެއްޖެއެެވެ.
މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތައް އިއުލާން ކުރަން ފެށޭވަރު ވާނީ މިހިނގާ ޖުލައި މަހުގެ ފަހުކޮޅުގައި ކަމަށާއި، 6720 ފްލެޓް ލިބޭ އެންމެހާ ފަރާތްތައް އިއުލާންކޮށް ނިންމާލެވޭޢނެކަމަށް ލަފާކުރެވެނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ހިޔާ ފްލެޓަށް އެދި ހުށަހަޅާފައިވަނީ 25243 އެޕްލިކޭޝަން ކަމަށާއި، ސަރުކާރު ބަދަލުވުމާއި ގުޅިގެން މި ސަރުކާރުން ނިންމާފައިވަނީ ހުރިހާ ފޯމެއް އަލުން އެސެސްކުރަން ކަމަށާއި، އެކަމަށް އެކުލަވާލި ކޮމިޓީގެ މަސައްކަތްތައްވެސް ކުރިއަށް ދާކަމަށެވެ. އެގޮތުން 21000 ފޯމް އެސެސްކޮށް ނިމިފައިވާ ކަމަށާއި 3000 އަށްވުރެ ގިނަ ފޯމު އެސެސް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުން މިހެން ވިދާޅުވިއިރު، ނިމިދިޔަ ސަރުކާރުން ވަނީ ހިޔާ ފްލެޓްތައް ލިބޭ ފަރާތްތައް އިއުލާންކޮށް، ފްލެޓް ލިބުނުކަމުގެ ލިޔުންވެސް ހަވާލުކޮށްފައެވެ. މި ލިސްޓަށް ބޮަޑެތި ބަދަލުތަކެއް އައިސްފިނަމަ ސިޔާސީ ކުރިން ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު ފަރާތްތައް އެކަތިގަނޑަކަށްވެ އަޑުއުފުލުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވެއެވެ.