އެތުލެޓިކޯ މެޑްރިޑްއިން ގްރިޒްމަންގެ ބަދަލުގައި ޔުވެންޓަސްއަށް ކުޅެމުން އަންނަ ދިބާލާއަށް ލޯއަޅަމުންދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފަސް އަހަރުގެ މުއްދަތަކަށްފަހު މިސީޒަންފަހު އެތުލެޓިކޯ ދޫކޮށްލާނެކަން ގްރިޒަމަންވަނީ އިޢުލާންކޮށްފައެވެ.
ގްރިޒްމަން އެތުލެޓިކޯ ދޫކޮށްލާނެކަން އިޢުލާންކުރީ ޓްވީޓްއަކުންނެވެ. މިޓްވީޓްގައިވާ ވީޑިއޯގައި މިދިޔަ ފަސްއަހަރަކީ ވަރަށްވެސް އުފާވެރި ފަސްއަހަރުކަމަށާއި އޭނާއަށް އެހީތެރިވި ހުރިހާ އެންމެންނަށްވެސް ޝުކުރު އަދާކުރާކަމަށް ގްރިޒްމަން ބުނެފައިވެއެވެ. އަދި އެތުލެޓިކޯ އަބަދުވެސް ހިތުގައި އޮންނާނެކަމަށްވަނީ ބުނެފައެވެ.
މިސީޒަން ނިމުމާއެކު އެތުލެޓިކޯގެ ގިނަ ކުޅުންތެރިން ތަކެއް ކްލަބް ދޫކޮށްލާނެކަން މިހާރުވަނީ އިޢުލާންކޮށްފައެވެ. އަންނަ ސީޒަންއަށް ކްލަބް ތައްޔާރުކުރުމަށް ސިމިއޯނީއަށް މިވަނީ ވަރަށް ބޮޑު މަސައްކަތެއް ކުރަންޖެހިފައެވެ. ސްޕެއިންގެ މަޖައްލާއެއްކަމަށްވާ ޑައީރިއޯގައިވާ ގޮތުން ގްރިޒްމަން ނެތްތައް ފޫބަށްދަން އެތުލެޓިކޯއިން ގެންނަ އުޅެނީ ޕައުލޯ ދިބާލާއެވެ. ސިމިއޯނީގެ ޓާގެޓް ލިސްޓްގެ ކުރީގައި ދިބާލާ ހުރިކަމަށްވެސް އެމަޖައްލާއިން ރިޕޯޓްކޮށްފައިވެއެވެ.
ޔުވެންޓަސްއަށް ކުޅެމުން އަންނަ އުމުރު 25 އަހަރުގެ ދިބާލާއަށް ޔުވެންޓަސްގައި ހުރަހަކަށްވެފައިވަނީ މިދިޔަ ސީޒަންގައި އެޓީމާއި ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ޔުވެންޓަސްގައި މުހިންމު ދައުރެއް އަދާކުރަމުންއައި ދިބާލާއަށް އަމާޒުވެފައިހުރި ލޯތަށް ރޮނާލްޑޯގެ އައުމާއެކު ރޮނާލްޑޯއަށް އެނބުރުނެވެ.
ދިބާލާ މިހާރު ބަދަލެއް ބޭނުންވާކަމަށާއި މިފެށޫ ހޫނު މޫސުމުގެ ޓްރާންސްފާގައި އޭނާ ޔުވެންޓަސް ދޫކޮށްލުން ވަރަށް ގާތްކަމަށް ދިބާލާގެ ބޭބެ ގުސްޓާވޯ ބުނެފައެވެ.
މިސީޒަންގައި ޔުވެންޓަސްއަށް 10 ލަނޑު ކާމިޔާބުކޮށްދީފައިވާ ދިބާލާ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުންވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.