ކޯލިޝަނަކުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ނަޝީދުގެ ވެރިކަން ވަނީ ވައްޓާލާފައެވެ. އެކަނިމައިއެކަނި ވެރިކަން ކުރެއްވި ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަން ނިމިއްޖެއެވެ. ކޯލިޝަނަކުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޔާމީންގެ ވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނެފިއެވެ. އަނެއްކާވެސް ރައްޔިތުން އާބަސްބުނީ ފުޅާ ކޯލިޝަނަކާއެކު ރައްޔިތުންގެ ގާތަށް ވަޑައިގެންނެވި ރައީސް ޞޯލިޙަށެވެ. އުއްމީދުތަކަކާ އެކުގައިކަން ގައިމެވެ.
2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބަށް ރައީސް ޞޯލިޙް ނިކުމެވަޑައިގެންނެވީ ރައީސް ނަޝީދު އަދި އެމްޑީޕީގެ ފުރިހަމަ ތާއީދާއެކުގައެވެ. އޮނަރަބަލް ޤާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއާއި، ޝެއިޚް އިމްރާންގެ އަދާލަތު ޕާޓީގެ އިތުރުން ރައީސް މަޢުމޫންގެ އެމްއާރުއެމްވެސް އޮތީ ރައީސް ޞޯލިޙްގެ ފަހަތްޕުޅުގައި ފުޅާ ކޯލިޝަނެއްގެ ތެރޭގައެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ހުވާ ކުރެއްވުމުގެ ފުރުޞަތު ރައީސް ޞޯލިޙަށް ލިބިވަޑައިގެންނެވީ އެކުގައި މަސައްކަތް ކުރެއްވި ކޯލިޝަން ބައިވެރިންގެ ނުހަނު ބޮޑު އެހީތެރިކަމާ އެކުގައެވެ.
ކޮންމެ ކަމެއްގެވެސް ތާރީޚަށް ބަލާލުމަކީ މުހިންމު ކަމެކެވެ. 2008 ވަނަ އަހަރު ރައީސް މަޢުމޫން ބަލިކޮށް، ވެރިކަމަށް ވަޑައިގެންނެވި ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔައީ އެކުގައި އެކުލަވާލި ގައުމީ އިއްތިހާދު ރޫޅި ސަރުކާރު ބައިބައިވެ ބަލިކަށިވެފައިވާ ދަނޑިވަޅުގައެވެ. އޭރުގެ އިދިކޮޅުގައި ތިބި ޑީއާރުޕީން ދަނޑިވަޅުގެ ބޭނުން ހިފާ ނަޝީދަށް ފިއްތުންތައް ފިއްތުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ވެރިކަމުން ނަޝީދު އިސްތިއުފާ ދެއްވުމެވެ. ވެރިކަން ބީވުމެވެ.
އެއަށްފަހު 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވެސ ކާމިޔާބުކުރެއްވީ އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއާއެކު އެކުލަވާލި ކޯލިޝަނުގެ ތެރެއިންނެވެ. އޭރު މަޢުމޫންވެސް ހުންނެވީ ރައީސް ޔާމީނާ އެކުގައެވެ. ނަމަވެސް ވެރިކަމުގެ ކުރީކޮޅު، މަޖިލިސް އިންތިޚާބުގެ ދުވަސްވަރު ސަރުކާރުގެ ތެރޭގައި ކޯޅުންތައް ވަނީ ފެށިފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ މަޖިލިސް އިންތިޚާބަށްފަހު ސަރުކާރު ކޯލިޝަން ރޫޅި އެކަނިމައިއެކަނި ޔާމީން ވެރިކަން ކުރައްވަން ޖެހިވަޑައިގަތުމެވެ. ދައުރު ފުރިހަމަ ކުރެއްވި ނަމަވެސް ޔާމީންގެ ވެރިކަން ވެގެންދިޔައީ ހަމަނުޖެހުން ބޮޑު ވެރިކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނީ އަނިޔާވެރިކަމާއި، ކޮރަޕްޝަނާއި ދެކޮޅަށް ތެދުވުމަށެވެ. އެމްޑީޕީގެ ރޫހުގެ އިތުރުން ޤައުމީ ރޫހުވެސް އޮތީ ރައީސް ޞޯލިޙާ އެކުގައެވެ. ނުވިތާކަށް ދީނީ ރޫހުވެސް ބޮޑަށް ފެނިގެންދިޔައީ ރައީސް ޞޯލިޙްގެ ކެމްޕޭނުގައި ހަރަކާތްތެރިވި ޝެއިޚުންގެ ހަރަކާތްތަކުންނެވެ. ކުރި ދުއާތަކުންނެވެ. މި ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވުނު ކަމަކީ އޭރުގެ ސަރުކާރާ ދެކޮޅު ފުޅާ ކޯލިޝަނުގެ ބަދަހިކަމެވެ.
ރައީސް ޞޯލިޙްގެ ކޯލިޝަން ސަރުކާރު ފެށުނީ ވަރަށް ސަޅިކޮށެވެ. އެކުވެރި ބައްދަލުވުންތަކުންނެވެ. ފޮނި ވާހަކަތަކުންނެވެ. ރައްޔިތުންނަށް ދެއްވި އުއްމީދުތަކުންނެވެ. ނަމަވެސް ވެރިކަމަށް މަހެއް ނުވެ އެމްޑީޕީގެ ލީޑަރު ނަޝީދުގެ ހޫނު ބަހުގެ ހަމަލާތަކެއް ކޯލިޝަނުގެ އެއް ބައިވެރިޔާ ޖުމްހޫރީ ޕާޓީގެ ލީޑަރަށް އަމާޒުވާން ފެށިއެވެ. ރައްދުގައި ޤާސިމް އިބްރާހީމް ދެއްވީ އިންޒާރެވެ. ކޯލިޝަން ދަމަހައްޓަން ބޭނުންނަމަ ޤާސިމްގެ އިންޒާރުތަކަށް ސަރުކާރުން ސަމާލުކަން ދޭން މަޖުބޫރުވިއެވެ.
ދާދި ފަހަކާ ޖެހެންދެންވެސް ރައީސް މަޢުމޫނާއި، އަދާލަތުގެ ލީޑަރު ޝެއިޚް އިމްރާން ހުންނެވީ ހަނެވެ. ނަމަވެސް ކޯލިޝަނުގައި އެޅި ރެންދުތައް ބެއްދުމަށްޓަކައި ރައީސް މަޢުމޫނާއި ޝެއިޚް އިމްރާން ހިކުމަތްތެރި މަދު ބަސްފުޅުތަކެއް ދޫކޮށްލެއްވިއެވެ. ހައްޤު މިންވަރު ދޫކޮށްލައްވައިގެންވެސް އެ ބޭފުޅުން ނުންނެވީ ސަރުކާރު ދިފާއުކުރައްވަން ތައްޔާރަށް ކަމަށް ވިދާޅުވެ ރައްޔިތުންގެ އުއްމީދުތައް އާއްކޮށްދެއްވިއެވެ.
ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން ހަ ދާއިރާވެސް އަދާލަތު ޕާޓީއަށްޓަކައި، ސަރުކާރު ކޯލިޝަނަށްޓަކައި އެމްޑީޕީން ދޫކޮށްލަން ނުރުހުނެވެ. މި ހައިރާންކުރުވަނިވި ނިންމެވުމަށްފަހު އަދާލަތުގެ ބަހެއް އަދި ނީވެއެވެ. ބަސްމަގާއި ރޫހަށް އައި ބަދަލެއް ސާފެއް ނުވެއެވެ. މަޢުމޫން ނުންނެވީ ސަރުކާރުގެ އެހީއާ ނުލައި މަޖިލީހުގެ އިންތިޚާބަށް ކެނޑިޑޭޓުން ނެރެން ފޫގަޅާލައިގެންނެވެ. ވާނީވެސް އެހެންތާއެވެ. ސަރުކާރު ކޯލިޝަން ރޫޅާލުމަށްވުރެ އެގޮތްވެސް މޮޅުއިތުރެވެ.
ދިވެހިރާއްޖޭގެ ސިޔާސީ ވެއްޓަށް ބަލާއިރު، ސަރުކާރުގެ ފުރަތަމަ ދެތިން މަސްދުވަހު ކޯޅުންތައް ބޮޑުވެ ސަރުކާރަށް ބިރު ހީވާ ހިސާބަށް ނުދިޔަ ނަމަވެސް، ސަރުކާރު ކޯލިޝަނަށް އިހްތިރާމް ކުރުމެއްނެތި، އެކަނިމައިއެކަނި ވެރިކަން ކުރައްވަން މަސައްކަތް ކުރެއްވުމަކީ ނުރައްކާތެރި ކަމެކެވެ. ނަގާ ރާޅެއްގެ ބާރު ގަދަވުމާއި ނުވުން ބިނާވެގެންދާނީ ސަރުކާރުގެ ބަދަހިކަމުގެ މައްޗަށެވެ. ސަރުކާރު ކޯލިޝަނުގެ ގުޅުމުގެ ހަރުދަނާ ކަމުގެ މައްޗަށެވެ.
އަދާލަތާއި، މަޢުމޫނަށް އަދި ޤާސިމަށް ނޫނެކޭ ބުނެ، ގިނިކަންޏާ ނިކުމެގެންވެސް މަޖިލީހުގެ ގިނަ ގޮނޑިތަކެއް އެމްޑީޕީއަށް ހޯދިދާނެއެވެ. ނަމަވެސް އަދާލަތާއި، މަޢުމޫނު އަދި ޖުމްހޫރީ ޕާޓީންވެސް ކެތްކުރާނީ ވަކި މިންވަރަކަށެވެ. ވެރިން ކެތްކުރި ނަމަވެސް އާއްމު މެންބަރުން އެމްޑީޕީން ހެދިހާ އެއްޗެއް ހަދާތަން ބަލަން ނުތިބޭނެއެވެ. ސަރުކާރުގެ ދައުރުގެ މެދަކާ ހިސާބަށްދާއިރު، ސިޔާސީ މަޝްރަޙަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.
އެހެންކަމުން، ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ހެޔޮ ވެރިކަން ދިފާއުކުރުމަށްޓަކައި، ވިސްނުންތެރިކަމާއި ޚިކުމަތްތެރިކަން އިސްކުރަން ޖެހެއެވެ. މާޒީވިތަނުން އިބުރަތް ހާސިލްކޮށް ގިނަކަންޏާ ވެރިކަން ކުރަން ދިމާކޮށް ބޮޑުތަނުން ފެއިލް ވުމަށްވުރެ ރައީސް ޔާމީން ބަލިކޮށް ހޯއްދެވި ކާމިޔާބީ ދިފާއުކުރުން މުހިންމެވެ. ކޯލިޝަނުގެ ޕާޓީތަކުގެ މެންބަރުންގެ އުއްމީދުތަކަށްވެސް އިހުތިރާމްކޮށް، ބަދަހި ގުޅުމަކުން އަލުން ގުޅެންޖެހެއެވެ. މަޖިލިސް ކެމްޕޭނުގައިވެސް މަސްލަހަތު ގެއްލޭނެ އެންމެހާ ކަންކަމުން ދުރުވުން ބުއްދިވެރިއެވެ.
އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްއަށް ދަންނަވާލަމެވެ. މަނިކުފާނު ވަނީ ލައްކައަކަށްވުރެ ގިނަ ރައްޔިތުންގެ ރުހުން ހޯއްދަވާފައެވެ. އެ ރުހުން ދެއްވި ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވާށެވެ. ދައުރުގެ މެދަކާ ހިސާބުން ނަގާ ރާޅެއްގައި އޮޔާ ދާނެ މިސްރާބަށް ވަޑައި ނުގަންނަވާށެވެ. ބަދަހި ގުޅުމަކުން ބަނދެ ކަމަރު ބާރުކުރައްވާށެވެ. ކާމިޔާބު އިންތިޚާބަކަށް އެދެނީ ޤައުމީ ރޫހަށް ލޯބިކުރައްވާނެ ކަމުގެ އުއްމީދުގައެވެ.