މަސްތުވާތަކެއްޗާއެކު ށ. ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު މުސްތަފާ އިސްމާއިލް ހައްޔަރު ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުހައްމަދު މުސްތަފާ ހައްޔަރު ކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ހދ. ކުޅުދުއްފުށީ ބަނދަރު ސަރަހައްދުންނެވެ.
މަންޒަރު ދުށް މީހަކާއި ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ މުހައްމަދު މުސްތަފާ ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގައި ހުއްޓާ އާދައިގެ ހެދުމުގައި ދިޔަ ފުލުހުންގެ ބަޔަކު އޭނާ ވަށާލި ކަމަށެވެ. ފުލުހުން އެނާ ވަށާލުމާއެކު ޖީބުގައި އޮތް ޕެކެޓެއް ނަގާ އެއްލާލި ކަމަށްވެސް މަންޒަރު ދުށަ މީހާ ކިޔައިދީފައިވެއެވެ.
ފޭދޫ ކައުންސިލްގެ ނައިބުރައީސް މުޙައްމަދު ޝާމިރު ވިދާޅުވީ އެފަދަ ޚަބަރެއް ލިބިފައިވާ ކަމަށާއި ނަމަވެސް ޔަގީން ނުވާކަމަށެވެ. އަދި އެބޭފުޅާ އަށް ފޯނުން ގުޅުއްވަން ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވާ ކަމަށެވެ.
މަސްތުވާ ތަކެތީގެ މައްސަލައަކާއި ގުޅިގެން ފޭދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފައި ވޭތޯ ފުލުހުންނާއި ސުވާލުކުރުމުން ފުލުހުން ބުނެފައިވަނީ، މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުން މީހުން ހައްޔަރު ކުރަމުންދާ ކަމަށާއި ވަރަށް ބޮޑު ކޭސް އެއްގައި މެނުވީ ހައްޔަރުކުރާ ފަރާތްތަކުގެ ނަންތައް ހާމަނުކުރާ ކަމަށެވެ.



