ފަތިސްނަމާދު ބަންގި ގޮވައިގެން ދާއިރު އަދި ލޯ ހުޅުވައެއް ނުލެވެއެވެ. އަންހެންވެރިންނަށް ހެނދުނު ސައިހަދަން ޖެހޭ ކަމެއް ނުވެސް އެނގޭމެއެވެ. އެކަން ހަވާލުވެފައި އޮންނަނީ ގޭގައި ގެންގުޅޭ މީހާއަށެވެ. ހޭލާގޮތަށް ސައިބޮއެގެން ނައްޓާލަނީ އޮފީހަށެވެ. އެވެސް ސައިކަލުގައެވެ. އޮފީހުގައި އިނދެގެން އެކަކު އަނެކަކަށް ދައްކަނީ ފަލަވާ ވާހަކައެވެ. މިދިޔަ މަހަށްވުރެ މިމަހު ތިން ހަތަރު ކިލޯ ބަރުވި ވާހަކައެވެ. މިއީ ގިނަ ދިވެހިންގެ ދިރިއުޅުމެވެ.
ފަލަވާތީ ހިތާމަކުރާއިރު ހިކެން މަސައްކަތް ކުރެވެނީ ތީގެ ތެރެއިން ކިތައްމީހުންނަށް ހެއްޔެވެ؟ ވަޒީފާއިން އައުމަށްފަހު ގިނަ ދިވެހިންނަކީ ކެއުމާއި، ޓީވީ ބެލުމާއި، ރަށްޓެހިންނާއި އެކު ދުއްވަން ދިއުމާއި އަދި ނިދުމުގެ އިތުރުން އެހެން ކަމެއް ނުކުރާ ބައެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ކޮންމެދުވަހަކު އެންމެ ތިރީސް މިނެޓަށް ނަމަވެސް މޫދަށް އެރިލުމަކީ ފަލަވާތީ ތިޔަކުރާ ހިތާމަތަކަށް ލުޔެއްލިބޭނެ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި މޫދަށްއެރި ފަތާލުމަށްވުރެ ހިކެން ވަކި ރަނގަޅުގޮތެއް ނެތެވެ. ދުވާލަކު ދެއިރު ދުވަން ދިއުމަށް ވުރެ މޫދަށްއެރޭ ކުޑަ ވަގުތުކޮޅުވެސް ހިކުމަށް މާބޮޑު އެހީއަކަށް ވެއެވެ.
މަހެއްވަންދެން ކޮންމެ ދުވަހަކު ކުޑަ ވަގުތު ކޮޅަކަށްނަމަވެސް މޫދަށްއެރިލުން ކިހިނެއް ވާނެތޯއެވެ. ހަމަޔަގީނުންވެސް ނަތީޖާ ފޮނިވާނެއެވެ. ތިމާ ހިކޭނެއެވެ.




