އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އަހްމަދު ޝަރީފް އީސީގެ މެންބަރުކަމުން އިސްތިއުފާދިނުމަށްފަހު ދެން ފެނުން އެންމެ ގާތީ ސަރުކާރު ޙިއްސާވާ ވިޔަފާރި ކުންފުންޏެއްގެ އިސް މަޤާމެއް ފުރުއްވުންކަމަށް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް ވިދާޅުވީ، އީސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމަށްފަހުވެސް ސިޔާސީ އެއްވެސް މަޤާމެއް އަދާނުކުރައްވާނެކަމަށާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަސް އަހަރު ދުވަހުގެ ދައުރުގައި އެހެން ދާއިރާއަކުން ފެނުން އެކަށީގެންވާކަމަށާއި، އެންމެ ފުރުޞަތު ބޮޑީ ސަރުކާރު ޙިއްސާވާ ވިޔަފާރި ކުންފުންޏެއްގެ އިސް މަޤާމެއް ފުރުއްވުންކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަމާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވާފައިވާ ޝަރީފް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ 2018ވަނަ އަހަރުގެ މާރިޗް މަހުގެ ހަވަނަ ދުވަހުއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ރައީސް ޔާމިނަށް ތާއިދު ކުރައްވާ ބޭފުޅުންވަނީ ޝަރީފް އިސްވެ ހުންނަވައި އިންތިހާބު އޮޅުވާލެއްވިކަމަށް ތުހުމަތު ކޮށްފައެވެ. އަދި އިންތިހާބް ބާތިލް ކުރުމަށް ކޯޓަށްވެސް ހުށަހަޅައިފައި ވެއެވެ.




