ކުރީ އަހަރެއްގެ ފިޠްރު ޒަކާތް ބަލައިގަތުމުގެ ތެރެއިން - ފޮޓޯ: ރާއްޖެ އެމްވީ

ފިޠުރު ޒަކާތް ބަހާފައިވަނީ 1439 ވަނަ އަހަރުގެ ފަޤީރުންގެ ލިސްޓަކަށް ނޫން: އިސްލާމިކް މިނިސްޓްރީ

މިއަހަރުގެ ފިޠުރު ޒަކާތް ބަހާފައިވަނީ 1439 ވަނަ އަހަރުގެ ފަޤީރުންގެ ލިސްޓަކަށް ނޫންކަމަށާއި، ނަމަވެސް 1441 ވަނަ އަހަރުގެ ފަޤީރުންގެ ލިސްޓަށްކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ވިދާޅުވެއްޖެއެވެ.

މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ، މިދިޔަ ފުރަބަންދުގެ ޙާލަތުގައި، މިފަދަ ނާޒުކު ކަމެއްގައި ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށް އަވަސް އަރުވާލައިގެން، ހަމަހަމަކަން ގެއްލޭގޮތަށް ފަޤީރުންގެ ލިސްޓަށް ބަދަލުގެނައުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށް އެމިނިސްޓްރީއިން ދެކޭކަމަށާއި އަދި ކަށަވަރުވެފައިވާ ފަޤީރުންގެ ލިސްޓަށް 1441 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބެހުމަކީ، އެންމެ އިންސާފުވެރި ގޮތް ކަމުގައި ވެސް ދެކޭކަމަށެވެ.

އަދި އިސްލާމް ދީނުގެ ތިންވަނަ ރުކުން ކަމުގައިވާ ޒަކާތުގެ ޝިޢާރާއި އެ ނޫންވެސް އިސްލާމް ދީނުގެ މަތިވެރި ޝިޢާރުތައް ޤާއިމުކުރުގައި މި މިނިސްޓްރީން ޢަމަލުކުރަމުންދާ ގޮތާމެދު ޢާއްމުންގެ ހިތްތަކުގައި ޝައްކު އުފެދި، އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ރައްޔިތުންނާއި އެންމެހާ މުއައްސަސާތަކަށް ގޮވާލާކަމަށްވެސް އެމިނިސްޓްރީގެ މިބަޔާނުގައި ވެއެވެ.

އެމިނިސްޓްރީއިން ވިދާޅުވީ، އަދި 1441 ވަނަ އަހަރުގެ ފިތުރު ޒަކާތް ބެހުމަށްޓަކައި ރޯދަ މަހުގެ ކުރިން ފަޤީރުންގެ ދަފްތަރު މުރާޖަޢާކުރުމަށް
މިނިސްޓްރީން މަސައްކަތް ކުރި ނަމަވެސް ފުރަބަންދުގެ ޙާލަތު މެދުވެރިވުމުގެ ސަބަބުން އެކަން ކުރެވޭގޮތް ނުވެފައިވާކަމަށާއި، އެއީ ފަޤީރުންގެ ދަފްތަރު އާކުރުމަކީ، އެކަމަށް ވަކި ޚާއްޞަ އިންތިޒާމްތައް ހަމަޖެހިގެން ދައުލަތުގެ ތަފާތު އެކި މުއައްސަސާތަކާއެކު ކުރަންޖެހޭ ކަމަކަށް ވެފައި، ފަޤީރުންގެ ދަފްތަރުގައި ހިމެނުމަށް އެދި ހުށަހަޅާ ފޯމާއެކު ވަރަށް ގިނަ ލިޔެކިޔުންތަކެއް ހުށަހަޅަންޖެހޭތީ، ފަޤީރު ޙާލަތުގައި ތިބި ރައްޔިތުންނަށް މި ހުރިހައި ލިޔެކިޔުންތައް އެކި މުއައްސަސާތައް މެދުވެރިކޮށް ހަމަކުރުމަށްފަހު، އޮންލައިންކޮށް ހުށަހެޅުމަށް ހުރަސްތަކެއް މެދުވެރިވެ، ހަމަހަމަ ފުރުޞަތު ގެއްލިދާނެކަމަށް ވާތީކަމަށެވެ.

"މި އަހަރުގެ ފިތުރު ޒަކާތް ބަހާފައިވަނީ، މިއަހަރުގެ ކުރީކޮޅު (13 ޛުލްޤައިދާ 1440 އިން 01 މުޙައްރަމް 1441 ވަނަ ދުވަހުގެ ނިޔަލަށް ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އިތުރު ފުރުޞަތެއް ދިނުމަށް ހުޅުވާލެވި 02 ޞަފަރު 1441 ގައި) އެކުލަވާލެވުނު ލިސްޓަށް." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން މިއަހަރު ފިޠުރު ޒަކާތް ބަހާފައިވަނީ، މި ހިނގާ 1441 ވަނަ އަހަރު މުރާޖަޢާކުރެވިފައިވާ އާ ލިސްޓަށްކަމަށާއި، އަދި އެއީ 1439 ވަނަ އަހަރުގެ ލިސްޓެއް ނޫންކަމާއި 02 ޞަފަރު 1441 ގައި އެކުލަވާލެވުނު ފަޤީރުންގެ ދަފްތަރުކަން ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އެ މަޢުލޫމާތު ޙިއްސާކުރެވިފައި ވާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވިއެވެ.

މީގެއިތުރުން އެމިނިސްޓްރީއިން ވިދާޅުވީ، ޒަކާތުގެ ކަންކަން ނިންމުމުގައި އަބަދުވެސް އަހަރު ބަލާނީ ހިޖުރީ ތާރީޚުންކަމަށާއި، މީލާދީ ތާރީޚަކުން ނޫނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ