ތެލުލި ބަނބުކެޔޮ ތަށި ހިފައިގެން "ކާސްޑް" ބަލަން ޖައްސާލާ!

އެޗްބީއޯގެ ގޭމް އޮފް ތްރޯންސް އަށް ވާދަކޮށްލާނެކަމަށް ބުނެ ނެޓްފްލިކްސް އިން މިދިޔަ އަހަރު ގެނެސްދިން “ދަ ވިޗާ”ކާމިޔާބީއަށްފަހު ނެޓްފިލްކްސްގެ އާ ފެންޓަސީ ސީރީޒް، އަދި މަޝްހޫރު ހިޔާލީ ވާހަކަ “ދަ އެކްސްކަލިބާ” ގެ މައްޗަށް އުފައްދި “ކާސްޑް” ސީރީޒް ނެޓްފިލްކްސް އަށް އައިސްފިއެވެ.

މި ސީރީޒްގެ ފުރަތަމަ ސީޒަން އިއްޔެ ނެޓްފްލިކްސް އަށް އައިސްފައިވާއިރު، މިއީ ނުބަލާ ދޫކޮށްލެވޭ ވަރު ސީރީޒްއެއް ނޫނެވެ. ދިވެހިންގެ ތެރޭގައިވެސް މަޝްހޫރު "އާތޭރިއަން" ލެޖެންޑް ދަންނަ މީހުންނަށް މި ސީރީޒް ވަރަށްވެސް ޝައުގުވެރިވާނެއެވެ. މީގެ އިތުރުންވެސް މި ސީރީޒްއަކީ، އެތައް ގޮތަކުން ހިތްގައިމު ސީރީޒްއެކެވެ.

އެގޮތުން "ކާސްޑް" ގައި ހިނގާ މެޖިކަލް މަންޒަރުތައް ދައްކުވައިދިނުމަށް ބޭނުންކޮށްފައިވާ ވީއެފްއެކްސް މަންޒަރުތައް ވަރަށްވެސް އަސްލާއި އެއްގޮތްވެފައި ބަލާލަން ހިތްގައިމެވެ. އަދި މި ސީރީޒް އަކީ، ގޭމް އޮފް ތްރޯންސް އަދި ވިޗާ އާއި އެއް ކަހަލަ އިހްސާސެއް ގެނެސްދޭނެ ސީރީޒްއެކެވެ.

“ދަ އެކްސްކަލިބާ”ނުވަތަ "އާތާރިއަން" ލެޖެންޑް، އަކީ އާއްމުކޮށް މަޝްހޫރު ދެ ކެރެކްޓަރ ރަސްގެފާނު “އާރތާ” އަދި ސޯސަރާ “މާރލިން” ގެ ވާހަކަތައް ކިޔައިދޭ ވާހަކެއެކެވެ. އެހެންނަމެވެސް “ކާސްޑް” ސީރީޒްގައި ކިޔައިދޭނީ މިއާއި ހިލާފަށް އާ ވާހަކައެކެވެ. އެގޮތުން މި ސީރީޒްގައި ކިޔައިދޭނީ، މި ވާހަކައިގެ ތެރެއިން އަންނަ “ލޭޑީ އޮފް ތަ ލޭކް” ގެ ވާހަކައެކެވެ.

“ދަ އެކްސްކަލިބާ” މިވާހަކަ ފޮތަށް ބަލާއިރު، ރޯޔަލް ޖާދުގަރެއް ކަމުގައި ވާ “މާލިން” މެޖިކް ބޭނުންކޮށްގެން ޖާދޫގެ ކަނޑިއެއް ގަލެއްގައި ހަރުކުރެއެވެ. އަދި މި ކަނޑި ހަމަ އެކަނި ނެގެނީ، ރަސްގެފާނުގެ ދަރި “އާރތާ” އަށެވެ. އަދި ހަނގުރާމައެއްގެ ތެރެއިން ކަނޑި ހަލާކުވެ އޭގެ ޖާދޫގެ ބާރު ދިޔުމުން، އެ ކަނޑީގެ ޖާދޫގެ ބާރު އަލުން އަނބުރާ ގެންނަނީ، “ލޭޑީ އޮފް ދަ ލޭކް”، “ނިމުއޭ” އެވެ.

ނެޓްފިލްކްސް އިން ގެނެސްދޭ “ކާސްޑް” ސީރީޒްގައި ކިޔައިދޭނީ “ނިމުއޭ” ގެ ވާހަކައެވެ. އެގޮތުން “ނިމުއޭ” “ލޭޑީ އޮފް ދަ ލޭކް” އަށް ވީގޮތް ކިޔައިދޭނެއެވެ. އެހެންކަމުން ސީރީޒްގައި ފުރަތަމަ ފެނިގެންދަނީ، ނިމިއޭ ގެ ޒުވާން ދުވަސްވަރެވެ. އަދި "އާތާ" ރަސްގެފާނަކަށް ވުމުގެ މާ ކުރީގެ ދުވަސްވަރެވެ.

“ކާރސްޑް” ގައި ލީޑު ރޯލު، “ނިމުއޭ” ގެ ރޯލުން ފެނިގެންދަނީ، ނެޓްފިލްކްސް ގެ “13 ރީޒަންސް” އިން ވިދާލި އެކްޓްރެސް “ކެތްރީން ލެންގްފޯޑް” އެވެ. އަދި "އާތާ" ގެ ރޯލުން ފެނިގެންދަނީ، އެކްޓަރު "ޑެވެން ޓެރެލް" އެވެ. މީގެ އިތުރުން "މާލިން" ގެ ރޯލު ކުޅެފައިވަނީ، "ގުސްތަފް ސްކާސްގާޑް" އެވެ.

"ކާސްޑް" ގައި ހިމެނެނީ ޖުމްލަ 10 އެޕިސޯޑެވެ. އަދި ކޮންމެ އެޕިސޯޑެއްގެ ދިގު މިނަކީ 59 މިނެޓެވެ. އެހެންކަމުން، ތެލުލި ބަނބުކެޔޮ ތައްޓެއް ހިފައިގެން ދުވަހުގެ ފޫހިކަން ފިލުވައިލަން "ކާސްޑް" ބަލައިލަން ޖައްސާލާށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ