ދަ ނެލްސަން މަންޑޭލާ ރޫލްސް ގެ ދިވެހި ތަރުޖަމާ ނައިބު ރައީސްއަށް އަރުވައިފި

"ދަ ނެލްސަން މަންޑޭލާ ރޫލްސް" ގެ ދިވެހި ތަރުޖަމާ ރައީސުލްޖުމްހުރިއްޔާގެ ނައިބު ފައިޞަލް ނަޞީމް އަށް އަރުވައިފިއެވެ.

މި ފޮތް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަތްޕުޅަށް އަރުވާފައި ވަނީ އ.ދ. އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ، މިސް ކެތަރިން ހަސްވެލްއެވެ.

މި ފޮތް އެމަނިކުފާނުގެ އަތްޕުޅަސް އެރުވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ފޮތް ބަލައިގަތުމުގެ ފުރުޞަތު ނެލްސަން މަންޑޭލާގެ އުފަން ދުވަހު ލިބިވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައި ވިދާޅުވެ، މަންޑޭލާއަކީ ލާމަސީލު ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، މަންޑޭލާގެ ހަޔާތްޕުޅުން ޢިބުރަތް ލިބިގަނެ، އެމަނިކުފާނުގެ އަމިއްލަފުޅު ދިރިއުޅުމުގައިވެސް މަންޑޭލާ ގެންގުޅުއްވި ރަނގަޅު އާދަތަކާއި އުޞޫލުތައް އަށަގެންނެވުމަށް މަސައްކަތްކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރ ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ފަރުދަކުވެސް އެމީހެއްގެ ޤައުމުގެ ކަންކަން ރަނގަޅުކުރުމަށް ނެލްސަން މަންޑޭލާ ގެންގުޅުއްވި އުޞޫލުތައް ރަނގަޅަށް ދަސްކޮށް، އޭގެ ބޭނުން ހިފުން މުހިންމުކަމުގައި ވަނީ ވިދާޅުވެފައެވެ.

މިގޮތުން އެކަމަނާ ވަނީ ޤައިދީންނާމެދު ޢަމަލުކުރާ ގޮތްތައް ދެނެގަތުމުގައި މަންޑޭލާ ގެންގުޅުއްވި ހަރުދަނާ އުޞޫލުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. މީގެ އިތުރުން އެކަމަނާ ވަނީ ދެވެން އޮތް ހުރިހާ ދާއިރާއަކުން އ.ދ. ގެ އެއްބާރުލުމާއި އެހީތެރިކަން ރާއްޖެއަށް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް އަރުވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކުށްވެރިން ރިހެބިލިޓޭޓްކޮށް އަލުން މުޖުތަމަޢަށް ނެރުމަށް ރައީސުލްޖުމްހޫރިއްޔާ ބަހައްޓަވާ ޙާއްޞަ އިސްކަން ފާހަގަކުރައްވާފައެވެ. މިގޮތުން، ރާއްޖޭގެ ޖަލުތަކުގައި ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްފައިވަނީ މި ބޭނުމުގައިކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މި ބައްދަލު ކުރެއްވުމުގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

"ނެލްސަން މަންޑޭލާ ރޫލްސް،" މި ފޮތަކީ ދެކުނު އެފްރިކާގެ ކަޅުނަސްލުގެ ފުރަތަމަ ރައީސްކަމުގައިވާ ނެލްސަން މަންޑޭލާގެ ޝަރަފުގައި ލިޔެފައިވާ، އެއިރު ދެކުނު އެފްރިކާގައި ހިނގަމުންދިޔަ ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް އޭނާ ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ލިޔެފައިވާ ފޮތެކެވެ. ދެކުނު އެފްރިކާގެ "އެޕާތައިޑް" ވެރިކަމާއި ދެކޮޅަށް ކުރެއްވި މަސައްކަތުގެ ތެރެއިން ނެލްސަން މަންޑޭލާ ދިގު 27 އަހަރު ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވި އިރު، މި ފޮތުގައި ޤައިދީންނާއި މެދު އިންސާފާއި، އިންސާނީ ކަރާމާތް ނުގެއްލޭ ގޮތައް ޢަމަލުތައް ބަހައްޓާނެގޮތް ވަރަށް ތަފްޞީލުކޮށް ލިޔެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ