ފަސް މީހުންނާއެކު ދަތުރުކުރި ސަޕްލައި ދޯންޏެއް ރ. އާރަށު ފަޅުތެރެއަށް އަޑިއަށް ގޮސްފިއެވެ.
ރ.މީދޫ ކައުންސިލްގެ ރައީސް މިނޫޙަށް ވިދާޅުވީ، ދޯންޏެއް ފަރަށް އަރައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ކައުންސިލްގެ ފަރާތުން އެދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މީދޫގެ ރައްޔިތުންގެ ބަޔަކު މިރޭ 20:00 ހާއިރު ވަނީ ފޮނުވާފައި ކަމަށެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވީ، މިހާދިސާގެ ރިޕޯޓް މިރޭ 21:30 ހާއިރު އެމްއެންޑީއެފް އަށް ލިބިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އެމްއެންޑީއެފް އިން ދީފައެއް ނުވެއެވެ.
މައުލޫމާތު ލިބޭގޮތުގައި ފަސް މީހުންނާއެކު ދަތުރުކުރި ދޯނި ފަޅުތެރެއަށް އެއްކޮށްވަނީ އަޑިއަށް ގޮސްފައެވެ. އަދި މި ދޯނި އަޑިއަށް ގޮސްފައިވަނީ މުދާ ބޭލުމަށްފަހު އާރަށުން ކުނިހިފައިގެން ފުރިފަހުން ކަމަށެވެ. އަދި މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
މިދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސް ކަނޑުގަދަ ދުވަސްތަކެއްކަމުން ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުންވަނީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.



