ޖަރުމަނުގެ ޗެމްޕިއަންކަން ޖެހިޖެހިގެން 7 ވަނަ ފަހަރަށް ބަޔާންމިއުނިކް ހޯދައިފިއެވެ.
ޖަރުމަން ބުންޑެސްލީގާ ޔަގީންވެގެންދިޔައީ މިރޭ ފްރެންކްފާޓްއާއި ބައްދަލުކޮށް 5-1 ގެ ނަތީޖާއަކުން ފްރެންކްފާޓް ބަލިކުރުމަށްފަހުގައެވެ. ބަޔާން މިލީގު ޖުމްލަ 29 ފަހަރު ހޯދާފައިވެއެވެ.
ބަޔާންއަށް ލީގުގައި ޖުމްލަ 78 ޕޮއިންޓް ލިބުނުއިރު ދެވަނާގައި އޮތް ޑޯޓުމުންޑަށް ލިބިފައިވަނީ 76 ޕޮއިންޓެވެ.
ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މިރޭގެ މެޗުގައި ބަޔާންއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ކޯމަން، އަލްބާ، ސަންޗޭސް، ރިބެރީ އަދި ރޮބަންއެވެ. މެޗުގައި ފެނިގެންދިޔަ ފްރެންކްފާޓްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ހެލާއެވެ.
މިސީޒަނަށްފަހު ރިބެރީ އަދި ރޮބެންވެސްވަނީ ބަޔާން ދޫކޮށްލަން ނިންމާފައެވެ.
މެޗުގައި ފެނިގެންދިޔަ އެންމެ ހިތްގައިމު ލަނޑު ފެނިގެންދިޔައީ އުމުރުން 36 އަހަރުގެ ރިބެރީ ފަރާތުންނެވެ. ދެޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއާއެކު އެބޯޅަ ގޯލަށް ވަދެގެންދިޔައިރު ރިބެރީ ކުޅެން ނިކުތްތާވީ އެންމެ 11 މިނަޓެވެ.
ލީގު ދެވަނަ ލިބުނު ޑޯޓުމުންޑްވެސް ވަނީ މިރޭ ކުޅުނު މެޗުން މޮޅުވެފައެވެ. މޮންޗެންގްލެބާޗްއާއިބައްދަލުކުރި މެޗު ޑޯޓުމުންޑް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެޓީމަށް ލަނޑުތައް ޖަހާދީފައިވަނީ ސަންޗޯ އަދި މާކޯ ރޮއީސްއެވެ. ޑޯޓުމުންޑަށް ދެވަނަ ލިބެނީ ބަޔާންއަށްވުރެ ދެ ޕޮއިންޓް މަދުން ލިބިގެންނެވެ.
މިސީޒަންގެ ތާވަލުގެ އެއްވަނާގައި ޑޯޓުމުންޑް 174 ދުވަސް ހޭދަކޮށްފައިވެއެވެ. ބަޔާން އެއްވަނާގައި ހޭދަކޮށްފައިވަނީ 91 ދުވަހުއެވެ.