16 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފިއެވެ.
ރޭގަނޑު ހެންވޭރު ދަނޑުގައި ބާއްވަމުން އަންނަ މިފަރިތަކުރުންތަކުގައި ޖުމްލަ 40 އަށް ވުރެ ގިނަ ޒުވާން ކުޅުންތެރިން ބައިވެރިވެއެވެ. އޭގެތެރޭގައި މިދިޔަ އަހަރުގެ 15 އަހަރުން ދަށު ޤައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިންނާއި، މިއަހަރު ބޭއްވުނު މަމެން 15 އަހަރުން ދަށުގެ އިންޓަރ ސްކޫލްގައި ވިދާލި ކުޅުންތެރިން ހިމެނެއެވެ.
މިފަރިތަކުރުންތައް ބަރާބަރަށް އެފް.އޭ.އެމް އިން ސްޕަވައިޒްކުރުމަށް ހަމަޖެހިފައިވެއެވެ. އެކަމުގެ އިސްކޮށް އެފް.އޭ.އެމްގެ ޓެކްނިކަލް ޑިރެކްޓޯރ އިޙްސާން ޢަބްދުލް ޣަނީ (ސާންތި) ޙަރަކާތްތެރިވާއިރު ސާންތިއަށް އެހީވުމަށް ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އަޙްމަދު ޝާކިރު (ޝަކިއްޓޭ) ޙަރަކާތްތެރިވާނެއެވެ.
މިޓީމް ޔޫއެފާގެ އެހީތެރިކަމާއެކު މި އަހަރުގެ ޖުލައިމަހު ރާއްޖޭގައި ބާއްވާ މުބާރަތެއްކުޅުމަށްވަނީ ހަމަޖެހިފައެވެ. އެމުބާރާތަށްފަހު އޮގަސްޓްމަހު އޭއެފްސީ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފިކޭޝަންސްގައި ގަލްފް ޖަޔަންޓުންނާ ދެކޮޅަށް ނިކުންނާނެއެވެ. އަދި އަހަރުގެ އެންމެ ފަހު މުބާރާތެއްގެ ގޮތުން 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ހަމަޖެހިފައިވާއިރު އެމުބާރާތް ކުޅުމަށްހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރުމަހުގައެވެ.
މިޓީމުގެ ކޯޗެއްގެ ގޮތުގައި ފެނިގެންދާނީ މިދިޔަ އަހަރު ޤައުމީ 15 އަހަރުން ދަށުގެ ޓީމަށް ކޯޗު ކޮށްދިން އާދަމް ޙަލީމް (ޖަޑާ) އެވެ. ޖަޑާއަށް އެހީތެރިވުމަށް މުޙައްމަދު ފަރީދާއި އިބްރާހިމް ސަޢީދު (ކަކާ) ޙަރަކާތްތެރިވާނެއެވެ.



