ކުރިއަށް އޮތް ދުވަސް ތަކުގައި ކަރާގެ އަގު އުފުލުން އެކަށީގެންވޭ

ރަމަޟާން މަހުގެ ދުވަސްތަކުގެ ތެރޭގައި މާރުކޭޓުގައި ކަރާގެ އަގު އުފުލިގެން ދާނެ ކަމަށް ބެލެވޭކަމަށް ދަތުރުވެރިންގެ މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ހާމަކޮށްފިއެވެ. 

އެފަރާތްތަކުން ބުނެފައިވަނީ، ކުރިއަށް އޮތް ދުވަސް ތަކުގައި ކަރާގެ އަގު އުފުލުން ގާތްކަމަށެވެ. އެގޮތުން މިހާރުވެސް މަޑުމަޑުން ކަރާގެ އަގު މައްޗަށް ދާން ފަށައިފައިވާ ކަމަށެވެ. މިގޮތަށް ދިމާވަނީ އިންޑިއާ ކަރާ ބާޒާރުން ހުސްވެފައި ވާތީ ކަމަށެވެ.

އާންމު ގޮތެއްގައި ރާއްޖޭގައި އުފައްދާ ކަރާގެ އަގު ބޮޑެވެ. އަދި ކަރާގެ އަގު ކޮންޓްރޯލް ކުރުމަށް އަވަށްޓެރި އިންޑިއާއިން ކަރާ އެތެރެކޮށް ބައެއް ފަރާތްތަކުން ވިއްކައެވެ.

ރަމަޟާން މަހު ފަނިގިރުމަށް ބޭނުންކުރާ އެހެނިހެން އެއްޗެހީގެ ތެރެއިން ދެން އަގު އުފުލެން ފަށާފައިވާ އަނެއް ބާވަތަކީ ކުރުނބާ އެވެ. މިގޮތުން ކުރުނބާ އަށް އޮންނަ ޑިމާންޑް ބޮޑުވެފައިވާކަމަށް ދަތުރުވެރިންގެ މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ހާމަކުރެއެވެ.

މިވަގުތު މާރުކޭޓުގައި ކަރާ ކިލޯއެއްގެ އަގު ހުރީ 23 ރުފިޔާ އަށެވެ. އަދި ކުރުނބާއެއްގެ އަގު އުޅެނީ 20 ރުފިޔާ އާއި 35 ރުފިޔާ އާއި ދެމެދެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ