ފޭސްބުކަކީ ދިވެހިންގެ ތެރޭގައި މީސްމީޑިއާ ޕްލެޓްފޯމަކަށްވާއިރު، ގިނަ ބަޔަކު މެސެޖުކުރަންވެސް ބޭނުންކުރަމުންދަނީ ފޭސްބުކް މެސެންޖަރއެވެ.
ފޭސްބުކްގެ މެސޭޖިން އެޕްލިކޭޝަން މެދުވެރިކޮށް ފޮނުވާ މެސެޖުތަށް ވަކި ހިނދުކޮޅެއްގެ ތެރޭގައި އަމިއްލައަށް ފުހެވޭގޮތް ނުވަތަ "ސެލްފް ޑިސްޓްރަކްޓް"ވާ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފޭސްބުކް އިން މިވަނީ ބުނެފައެވެ.
ފޭސްބުކުން ބުނެފައިވަނީ، އެ ހިދުމަތް ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ޓެސްޓް ކުރުމުގެ ގޮތުން ފްރާންސްގެ ބައެއް އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކަށް އެ ހިދުމަތް މިހާރު ލިބޭނެ ކަމަށެވެ.
"މެސެންޖާ ބޭނުންކޮށްގެން މުއާސަލާތު ކުރާއިރު ގެއްލޭ މެސެޖުތަކެއް ކުރެވެން ފެށުމުން މެސެޖިންއަށް އިތުރު މަޖާ ކަމެއް އަންނާނެ. އަޅުގަނޑުމެން އުއްމީދު ކުރަން މި ހިދުމަތަކީ ގިނަ ފަރާތްތަކަށް ކަމުދާނެ ހިދުމަތަކަށް ވާނެކަމަށް. އަދި އާންމު ފަރާތްތަކުން މިޚިދުމަތާ މެދު ދެކޭގޮތް އެނގިގެންދާނެ" ހިދުމަތާ ބެހޭގޮތުން ފޭސްބުކް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ފޭސްބުކުން ހާމަކޮށްފައިވާ ގޮތުގައި މެސެޖުތައް އާކައިވް ވަގުތުކޮޅަކަށް ހުންނަ ގޮތަށް ބަދަލުކުރުމަށްޓަކައި، މެސެންޖަރ އެޕްލިކޭޝަނުގެ ކޮންވަޒޭޝަން ތްރެޑުގައި އިންނަ ޚާއްސަ އައިކަން އަކަށް ފިތާލަން ޖެހޭއިރު، ކޮންވަޒޭޝަންގައި ހިމެނޭ ކޮންމެ ފަރާތަކަށް ވެސް އެ ހިދުމަތް މެދުކަނޑާލެވޭނެއެވެ.
މެސެންޖާއިން ކުރާ މެސެޖުތައް ގަޑިއިރެއްގެ މުއްދަތަށް ހުންނަ ގޮތަށް ހެދޭ އެ ހިދުމަތަކީ މަޝްހޫރު ސޯޝަލް ނެޓްވޯކް "ސްނެޕްޗެޓް"އަށް ހާއްސަ ފީޗާއަކަށްވާއިރު، ސްނެޕްޗެޓާ ވާދަކުރުމުގެ ގޮތުން ތައާރަފުކުރާ އެ އެހިދުމަތް އެކި ގޮތްގޮތުގައި ގިނަ ޕްލެޓްފޯމުތަކުގައި ބޭނުން ކުރެއެވެ.
މެސެޖް ފުހެވޭގޮތަށް ބަދަލުކުރުމާއެކު މެސެންޖަރގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ފަރާތްތައްވެސް އިތުރުވާނެ ކަމަށް ބެލެބޭއިރު، މެސެންޖަރ ބޭނުންކުރާ އުމުރުން ހަގު ފަރާތްތަކުގެ ބެލެނިވެރިން މިކަމަށް ސަމާލުވާން ޖެހޭނެއެވެ.