ރޭ ކުޅެވުނު ކޮޕަ ޑެލް ރޭ ގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގްގައި ބާސާ އަދި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުން 1-1 އެއްވަރު ވެއްޖެއެވެ. ބާސާގެ ކޭމްޕްނޯގައި ކުޅެވުނު މިމެޗްގެ ފުރަތަމަ ލަނޑު މެޗުގެ 6 ވަނަ މިނަޓްގައި ބެންޒީމާގެ އެހީއާއިއެކު ރެއާލްއަށް ޖަހައިދިނީ އެޓީމުގެ ލޫކަސް ވަޒްކަޒްއެވެ.
މިމުބާރާތް ޖައްސަ ޖައްސައިގެން ފަސްވަނަ ފަހަރަށް ކާމިޔާބުކުރުމަށް ތައްޔާރަށްއޮތް ބާސާ މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 57 ވަނަ މިނަޓްގައި މެލްކަމްގެ ހިތްގައިމު ލަނޑަކާއެކުގައެވެ.
ރެއާލްގެ ބޭލް އަދި ބާސާގެ މެސީ އިންޖަރީއާއި ގުޅިގެން މިމެޗުގެ ފުރަތަމަ 11ގައި ބައިވެރިނުވާއިރު ރޭގެ މެޗުގައި މިދެޓީމުގެވެސް ކުރި ބަލަހައްޓަމުން ދިޔައީ ބްރެޒިލްގެ ތަރިންނެވެ. 21 އަހަރުގެ މެލްކަމް ބާސާގެ ކުރި ބަލަހައްޓަމުން ދިޔައިރު ރެއާލްގެ މިޤާމު ފުރަމުންދިޔައީ އެންމެ 18 އަހަރުގެ ވިންޝިއަސްއެވެ.
2018ވަނަ އަހަރު 38.7 މިލިއަން ޕައުންޑަށް ފްލެމެންގޯ އިން ރެއާލް ބަދަލުވި ވިންޝިއަސް ދިޔައީ ބާސާގެ ޑިފެންސަށް އުނދަގޫކުރަމުންނެވެ. ރެއާލްގެ ލަނޑުގައިވެސް އޭނާގެ ހިއްސާއެއް އޮތްއިރު ފުރަތަމަ ހާފުގައިވެސް ގޯލަށް 4 ހަމަލާ ފޮނުވާލާފައިވެއެވެ.
މެޗުގެ 63 ވަނަ މިނަޓްގައި މެސީ ކުޅުމާބައިވެރިވެ، ރެއާލަށް އިތުރަށް ނުރައްކާ ކުރަމުން ދިޔަނަމަވެސް ބާސާއަށް އިތުރު ލަނޑެއް ކާމިޔާބުވާގޮތްވަނީ ނުވެފައެވެ. މިމެޗުގެ ދެވަނަ ލެގް މިމަހުގެ 28ގައި ރެއާލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ދަންވަރު 1 ޖަހާއިރުއެވެ.
ހިޔާލު
ބާނަބައު އެއީ ރެއާލްގެ ދަނޑު
ކޮމެންޓް ކުރުން ބަންދު