ދިވެހިރާއްޖޭގައި މަސްވެރިކަން ކުރިއެރުވުމުގެ ގޮތުން ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުސަތު ހުޅުވާލައި އައު ކުންފުނިތަކުން މަސް ގަތުމުގެ ހުއްދަ ދިނުމުގެ ފުރުސަތު މިއަދު ސަރުކާރުން ހުޅުވާލައިފިއެވެ.
ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުސަތު ހުޅުވާލިކަން އިޢުލާން ކޮށްފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ އިޢުލާން ނަމްބަރު (IUL)30-B1/30/2020/67 ގައެވެ.
މިމަޝްރޫޢުގެ މަޤްސަދަކީ ރާއްޖޭގެ މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެމަގު ތަނަވަސްކޮށްދީ، ބާނާ ހުރިހާ މަހުން އަގު އެއްކުރި އުފެންދުންތައް އުފައްދާ ރާއްޖޭގައި ބާނާ މަހުން އިތުރު ނަފާ ލިބިދޭނެ މަގު ތަނަވަސް ކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.
މި މަޝްރޫޢުގެ ދަށުން ކަޅުބިލަމަސް ގަތުމުގެ ހުއްދަ ދިނުމުގައި ބަލާނެ ހަމަތައް އަދި ހުއްދައަށް އެދި ޕްރޮޕޯސަލް ހުށައަޅަންޖެހޭގޮތުގެ ގައިޑްލައިން ސަރުކާރު ރަސްމީގައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ކައުންޓަރުންނާއި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
މި މަޝްރޫޢުއަށް އެދި ހުށައަޅާ ޕްރޮޕޯސަލް ބަލައިގަންނާނީ ރަސްމީގަޑިތަކުގައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ކައުންޓަރުންނެވެ.
ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަނެ ޕްރޮސެސްކުރުމަށް ހުއްދަ ދިނުމާއި ގުޅޭ ސިޔާސަތު ތަކެއް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިއަދުވަނީ ކަނޑައަޅާ އިޢުލާން ކޮށްފައެވެ.
ދުވާލަކަށް 20 ޓަނަށްވުރެ މަދުން ކަޅުބިލަމަސް ގަންނަ އެއްވެސްފަރާތަކުން މި ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ވަކި ޙާއްސަ ހުއްދައެއް ނަގާކަށް ނުޖެހޭނެއެވެ.
ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަނެ ޕްރޮސެސްކުރުމަށް ހުއްދަ ދިނުމާއި ގުޅޭ ސިޔާސަތުތަކުގެ ތެރޭގައި 9 ކަމެއް ފާހަގަ ކޮށްފައިވޭ،
- އަގު އެއްކުރުމުގެ ސިޔާސަތު
- ޝޯ-ބޭސްޑް އިންވެސްޓްމަންޓް ޤާއިމްކުރުން
- މަސްގަތުމުގައި ކަލެކްޓަރ-ބޯޓް ބޭނުން ކުރުން
- މަސް ގަންނަ އެންމެ ދަށް އަގު (ފްލޯ ޕަރްއިސް)
- މަސްވެރިކަން ކުރުމަށް އިންވެސްޓް ނުކުރުން އަދި ދިވެހި އުޅަނދުން މަސް ގަތުން
- ފޮރިން އިންވެސްޓްމަންޓް
- ޕްރޫފް އޮފް ފައިނޭންސް އާއި ވަރކްޕްލޭން
- ތަފާސް ހިސާބު ފޮނުވުން
- ހުއްދަ ހޯދުމުގެ މަރުހަލާތަށް
މި ސިޔާސަތުތަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ވެބްސައިޓުން ފެނިވަޑައިގަންނަވާނެއެވެ.



