އިންޑޮނޭޝިއާގެ ރައީސް ކަމުގެ ދެވަނަ ދައުރަކަށް އިންޑޮނޭޝިއާގެ މިހާރުގެ ރައީސް ޖޯކޯ ވިޑޯޑޯ އިންތިހާބުވެ ވަޑައިގެންފިއެވެ.
މިދިޔަ މަހު އިންޑޮނޭޝިއާގައި ބޭއްވުނު އިންތިހާބުގެ ރަސްމީ ނަތީޖާ މިއަދު އިއުލާން ކޮށްފައި މިވަނީ ކުރިން މި ނަތީޖާ އިއުލާންކުރަން ކަނޑައެޅިފައި އޮތް ތާރީހުގެ އެއްދުވަސް ކުރިންނެވެ. މިގޮތުން، ކުރިން އިންތިހާބުގެ ނަތީޖާ ފާޅުކުރަން ހަމަޖެހިފައި އޮތީ މާދަމާ އެވެ.
މި އިންތިހާބުން ނާކާމިޔާބީ އާއި ކުރިމަތިވެ ވަޑައިގެން ކުރީގެ ޖެނެރަލް ޕްރަބޯވޯ ސުބިއަންޓޯ ވަނީ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހައްދަވައި ފައެވެ. އަދި ނަތީޖާ ޝީޓު ތަކުގައި ސޮއި ނުކުރާނެކަމަށް އިދިކޮޅު ޕާޓީއިންވަނީ ބުނެފައެވެ.
އިންތިހާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން ޖޯކޯ ވިޑޯޑޯ އިންތިހާބު ކާމިޔާބު ކޮށްފައިވަނީ 55.5 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އިދިކޮޅު ކެންޑިޑޭޓް ޕްރަބޯވޯ ސުބިއަންޓޯ އަށް ލިބިވަޑައި ގެންނެވީ 44.5 އިންސައްތަ ވޯޓެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ އިންތިހާބު އޮޅުވާލައިފައި ވާކަމަށެވެ. އަދި އިންތިހާބު ގަބޫލު ނުކޮށް ބޮޑެތި މުޒާހަރާ ތަކަކަށް ދަނީ ތައްޔާރު ވަމުންނެވެ.
އިންތިހާބުގެ ނަތީޖާ އާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މުޒާހަރާ އަށް ތައްޔާރުވަމުން ދާތީވެ އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ އަމަން ބެލެހެއްޓުމަށް މިހާރުވަނީ 32،000 އަމަން ބަލަހައްޓާ ސިފައިން ނެރެފައެވެ. އަދި އިލެކްޝަން ކޮމިޝަން ކުރިމަތީގައިވަނީ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ.
އިންޑޮނޭޝިއާއަކީ ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމެވެ.



