މިހާރުން މިހާރަށް ޝަރުޢީ ދާއިރާ އިސްލާހް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ޞޯލިޙް ވިދާޅުވީ، ޝަރުޢީ ދާއިރާ އިސްލާހުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު ކަންތައް ކަމަށެވެ.
"ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކޯށްދީ އަދުލު އިންސާފު ލިބޭކަން ޔަޤީންކޮށްދިނުމަށްޓަކައި ޝަރުޢީ ދާއިރާ އިސްލާހުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަންތައް." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞޯލިޙް ވިދާޅުވީ، ކޯޓުތަކާއި ފަނޑިޔާރުން އިސްލާހުގެ މަގަށް ރުޖޫއަވެގެން ނޫނީ މިޤައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ ކަމަށެވެ.
ޝަރުޢީ ނިޒާމް އިސްލާހް ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ޞޯލިޙް ވިދާޅުވިއިރު، ކޯޓުތައް އިސްލާހު ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްވެސްމެއެވެ.
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ފެށިގެންގޮސް ޖުވެނައިލް ކޯޓަށްވެސް ބައެއް ރައްޔިތުން ފާޑުކިޔާކަން ފާހަގަކޮށްލެވެއެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ވަކިން ހާއްޞަކޮށް ފާޑުކިޔުން އަމާޒުވެފައިވާއިރު ރޭ ވަނީ ތިން ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓުވެސް ބަދަލުކޮށްފައެވެ.