އޮސްޓުރޭލިޔާ މީހަކު އޭނާގެ އަންހެނުންނަށް ހަމަލާދެމުންދިޔަ މިޔަރަކަށް ހަމަލާދީ އެ މިޔަރުގެ ކިބައިން އޭނާގެ އަންހެނުން ސަލާމަތް ކޮށްފިއެވެ.
މިހާދިސާ ހިނގައިފައިވަނީ އޮސްޓުރޭލިޔާގެ ނިއުސައުތުވޭލްސްގެ ޕޯޓް މެކުއަރީގެ ޝެލީ ބީޗްގައެވެ. އޮސްޓުރޭލިޔާގެ ޚަބަރުފަތުރާ ވަސީލަތްތަކުން މައުލޫމާތު ދޭގޮތުގައި އުމުރުން 35 އަހަރުގެ ޝާންޓެލް ޑޯޔަލް ނަމަކަށްކިޔާ އަންހެން މީހާ އަށް މިޔަރު ހަމަލާދީފައިވަނީ އޭނާ ރާޅާ އަޅަމުން ދަނިކޮށެވެ.
އެއްގަމާ ގާތްގަނޑަކަށް 15 މީޓަރު ބޭރުން ހިނގި މިހާދިސާގައި ޑޯޔަލް މިޔަރުގެ ކިބައިން ސަލާމަތް ވެފައިވަނީ ޑޯޔަލް އާއެކު ރާޅާ އަޅަމުންދިޔަ އޭނާގެ ފިރިމީހާ މިޔަރަށް ހަމަލާދީ އެ މިޔަރު ފައްސާލުމުގެ ސަބަބުންނެވެ. އަދި މިޔަރު ޑޯޔަލް ދޫކޮށްލައިފައި ދިއުމުން އޭނާގެ ފިރިމީހާވަނީ ޑޯޔަލް އެއްގަމަށް ގެނައުމުގައިވެސް އެހީތެރިވެ ދީފައެވެ.
މައުލޫމާތު ލިބޭގޮތުގައި ޑޯޔަލްގެ ކަނާތުފަޔަށް މިޔަރުވަނީ ދެފަހަރެއްގެ މަތިން ހަމަލާދީފައެވެ. އަދި މި ހަމަލާއަށް ފަރުވާދިނުމަށް ޑޯޔަލްވަނީ ހެލިކޮޕްޓަރެއްގެ އެހީގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ނިއުސައުތުވޭލްސްގެ ސާރފް ލައިފް ސޭވިންގެ ސީއީއޯ ސުޓެފަން ޕިއާރސްވަނީ ޑޯޔަލްގެ ފިރިމީހާގެ ޖެހިލުން ކުޑަ އަމަލަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.
ފާއިތުވެދިޔަ މަސްތަކުގައި މިފަދަ ސީރިއަސް ތިން ހާދިސާއެއް މިޔަރުގެ ފަރާތުން އޮސްޓުރޭލިޔާގެ ރާޅާއެޅުން ތެރިންނަށް ވަނީ ކުރިމަތި ވެފައެވެ.




