ދިވެހި ފިލްމީ ތަރި، މުހައްމަދު ޔުނާންގެ ދަރިފުޅު، ޔޫންގެ ހިތުގެ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ނިއްމާލާފައިވާއިރު، ޔޫންގެ މަންމަ ފާތިމަތު ރިޙްލާ (ރިހުނާން) ބުނީ، ޔޫންގެ ހާލު ދުވަހެއް ދުވަހަކަށް އަންނަނީ ރަނގަޅުވަމުންކަމަށެވެ.
އުފަންވީއިރު ވެސް ހިތުގެ މައްސަލަތަކެއް ހުރި ޔޫން، ބޭސް ފަރުވާއަށް އިންޑިއާ އަށް ފުރާފައިވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުގައެވެ. އަދި ޔޫންގެ އޮޕަރޭޝަން ކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
ރިހުނާން ބުނީ، ދަރިފުޅު މިވަގުތު އޮތީ އައި.ސީ.ޔޫ ގައި ކަމަށާއި ނަމަވެސް ޔޫންގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށެވެ. އަދި މިއަދު އެންމެފަހުން ގުޅާފައިހުރި ޑްރެއިން ހޮޅިނަގާނެކަމަށާއި، އެއަށްފަހު 2 ނުވަތަ 3 ދުވަސްތެރޭގައި ކޮޓަރިއަށް ބަދަލުކުރާނެކަމަށް ހޮސްޕިޓަލުން ބުނިކަމަށް ރިހޫ މައުލޫމާތުދިނެވެ.
"ގުޅާފާއިން ދެ ޑްރެއިނޭޖް ހޮޅި ދުވާލަކު 1 ހޮޅި ނައްޓާފަ އިތުރަށް އޮބްޒާވް ކޮށްލާނެ ވާހަކަ ބުނި. ރޭގަ ފީޑް ކުރަން ފަށައިފި ވެންޓިލޭޓަރ އިން ނަގާފަ. ހޭލެވުނީމަ ހަމަ ފީޑް ކޮށްލާފަ އަނެއްކާވެސް ހޭނައްތާފަ ބާއްވަނީ ހޮޅިތަކަށް ދަމާވަރުން. މިއަދު އެންމެ ފަހު ޑްރެއިން ހޮޮޅި ނަގާނެ، 3-2 ދުވަސް ތެރޭގައި ރޫމަށް ބަދަލުކުރާނެ ވާހަކަ ބުނި" ރިހޫ މައުލޫމާތު ދިނެވެ.
ރިހޫ އިތުރަށް ބުނީ، ހޭލެވޭ ގަޑީގައި ޔޫން ވަރަށް އެކްޓިވްކޮށް އުޅޭ ކަމަށް ޑޮކްޓަރުން ބުނިކަމަށާއި، އެހެންކަމުން އެއީ ޔޫންގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގެ އަލާމާތެއްކަމުގައި ޑޮކްޓަރުން ބުނިކަމަށެވެ.
ރިހޫ އާއި ޔުނާން އަށް ދަރިފުޅު އެންމެ ފަހުން ފެނުނީ، އަޕަރޭޝަން ކުރި ދުވަހު ކަމަށް ރިހޫ ބުންޏެވެ. އެގޮތުން އޮޕަރޭޝަނަށްފަހު ދަރިފުޅު އައި.ސީ.ޔޫ.އަށް ލުމަށްފަހު ބަލާލަން ވެއްދިކަމަށް ރިހޫ ބުންޏެވެ. ނަމަވެސް، އައި.ސީ.ޔޫ އިން ގުޅާފައި، ކޮންމެ 2 ގަޑިއިރަކު ދަރިފުޅުގެ ހާލަތުގެ އަޕްޑޭޓް ދޭކަމަށް ރިހޫ ބުންޏެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު ޔޫންއަށް ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ އޭނާގެ ބައްޕަ މުލިއާގޭ ދޮށުގައި ދަރިފުޅުގެ ފުރާނަ ސަލާމާތް ކުރުމަށް އެދި އާދޭސްކުރަމުންދިޔަ ވީޑިއޯއެއް ވައިރަލްވުމާއި ގުޅިގެންނެވެ.
ތުއްތު ޔޫންގެ ހިތުގެ މައްސަލައެއް ހުރިކަން އެ ދަމަފިރިންނަށް އެނގިފައިވަނީ ހަމަހުގައި ހަދާފައިވާ ސްކޭނަކުންނެވެ. އަދި ވިހެއުމަށް ފަހު 72 ގަޑި އިރުގެ ތެރޭގައި އޯޕަން ހާޓް ސާޖަރީއެއް ހަދާފައިވާ އެ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތް ކުރަން ސާޖަރިއެއް ހަދަން ޖެހި، އާއިލާއިން މުލިއާގޭ ދޮށަށް އެއްވެފައިވަނީ އާސަންދައިގެ ދަށުން އެމީހުން އިންޑިއާއަށް ފޮނުވައިދިނުމަށް އެދިއެވެ.
ޔޫންގެ އޮޕަރޭޝަނަށް ބޭނުންވާ މާލީ އެހީ އަމިއްލަ ވިޔަފާރިވެރިއަކު ފަހުން ވަނީ ދީފިއެވެ. މީގެ އިތުރުންވެސް، އެކި ފަރާތްތަކުން ޔޫންއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ދަރިފުޅުގެ އޮޕަރޭޝަން ކާމިޔާބުވުމާއެކު، ޔޫންގެ ބައްޕަ، ޔުނާން ބުނީ އޭނާގެ އާއިލާއަށް ލިބުނު ހިތްހަމަ ޖެހުމުގައި އެއްވެސް ވަރުބަލިކަމެއް ނެތި މިއަދާ ހަމައަށް ޔޫންގެ ކަންތައްތަކުގައި ބުރަކަމެއްނެތި މަސައްކަތްކޮށްދިން ހުރިހާ އެންމެންނަށްވެސް ވަރަށް ބޮޑަށް ޝުކުރުއަދާކުރާކަމަށެވެ.





ހިޔާލު
maasha allah