މިހިނގާ މެއި މަހުގެ 31 ވަނަ ދުވަހުން ފެށިގެން އަލަށް އަމަލުކުރަން ފަށާ، "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާބެހޭ ޤަވާއިދާ" ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އެ ޤަވާއިދަކީ ކުޑަކުދިންނާއި ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމާ ދުރުހެލިކުރުވުމާއި، ހުރިހާ އުމުރެއްގެ މީހުން ދުންފަތުގެ ނުރައްކަލަށް ހޭލުންތެރިކުރުމުގެ އިތުރުން ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުން މަދުކުރުމަށް އެކުލަވާލާފައިވާ ގަވާއިދެއް ކަމަށެވެ.
މި ޤަވާއިދު ބުނާގޮތުން މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ވަކި ސިނގިރެޓް އަދި ބިޑި ވިއްކުން މަނާވާނެއެވެ. ގަވާއިދު ބުނާގޮތުން ރާއްޖޭގައި އުފައްދާ/ބަންދުކުރާ ނުވަތަ ރާއްޖެ އެތެރެކުރާ އަދި ވިއްކާ ދުންފަތާއި ދުންފަތް ހިމެނޭ ބާވަތްތައް ބަންދުކޮށްފައި ހުންނަންޖެހޭނީ ވަކި މިންވަރަކަށް ކަމަށެވެ.
ޤަވާއިދުން ދުންފަތުގެ ބާވަތްތައް ބަނދުކުރެވޭނެ މިންވަރު:
- ސިނގިރޭޓް: މަދުވެގެން 20 ސިނގިރޭޓް ހިމެނޭ ފޮށްޓެއް.
- ބިޑި: މަދުވެގެން 50 ބިޑި ހިމެނޭ ފޮށްޓެއް ނުވަތަ ބޮނޑިއެއް.
- ދުންފަތާއި ދުންފަތުގެ އެހެން ބާވަތްތައް: މަދުވެގެން 30 ގްރާމް ހިމެނޭގޮތަށް.
އެޗްޕީއޭއިން ވިދާޅުވީ، ޤަވާއިދާ ޚިލާފުވާ ފަރާތްތަކަށް ޤަވާއިދުގައި ކަނޑައެޅިފައިވާ ގޮތަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. މި ޤަވާއިދާ ޚިލާފުވެއްޖެނަމަ ، އެކުށް ކުރުމަށް ބޭނުންކުރި މުދަލެއްގެ އަގާއި، ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނައިން ޖޫރިމަނާ ކުރެވޭނެއެވެ.
މިފަދަ ކުށެއް ތަކުރާރުކުރާ ފުރަތަމަ ފަހަރު ޤާނޫނުގައި ކަނޑައަޅާފައިވާ ޖޫރިމަނާގެ އިތުރުން 5000ރ، ދެވަނަ ފަހަރަށް 10000ރ އަދި ތިންވަނަ ފަހަރަށް 20000ރ ގެ އިތުރުން ދެން ތަކުރާރުކޮށްފިނަމަ ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު ޖޫރިމަނާ ކުރައްވާނެކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
މިމަހުގެ 31 ވަނަ ދުވަހު އަމަލުކުރަން ފަށާ "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާބެހޭ ޤަވާއިދަށް" ހުރިހާ ފަރާތްތަކުންވެސް ބޯލެނބުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.