ޖިއްދާގައި ދިވެހި ކޮންސިއުލޭޓެއް ޤާއިމު ކުރަނީ

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ދިވެހި ކޮންސިއުލޭޓެއް ޤާއިމުކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ޞޯލިޙް ވިދާޅުވީ، މި ވެރިކަން ފެށުނުއިރު ބައިނަލްއަޤްވާމީ މުޖުތަމައު ދިވެހިރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެ ބާކީ ކުރެވިފައި ކަމަށާއި، ނަމަވެސް އެމަނިކުފާނު ވެރިކަމާ ހަވާލުވުމަށްފަހު ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ގެނައި ބަދަލާއެކު، ރާއްޖެއަށް ބައިނަލްއަޤްވާމީ އާއިލާގެ ލޯތްބައި ރަހްމަތްތްތެރިކަން ލިބިފައިވާ ކަމަށެވެ.

ރައީސް ޞޯލިޙް ވިދާޅުވީ، ދިވެހިން އާއްމުކޮށް ގޮސްއުޅޭ ޤައުމުތަކަށް ފަސޭހަކަމާއެކު ދަތުރު ކުރެވޭނެ އެއްބަސްވުންތަކުގައި ސޮއި ކުރެވޭނެ ކަމަށާއި، ވިލާތުގެ ޤައުމުތަކުން ދިވެހިންނަށްވެސް ވިސާ ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.  

"ލާމެހިފައިވާ މުޖުތަމައަށް މުޅި ދުނިޔެ ބަދަލުވެފައިވާއިރު، ވީހާ ގިނަ ގައުމުތަކާ ގުޅުން ބަދަހި ކުރުމަކީ ރާއްޖެފަދަ ކުޑަ ޤައުމަކަށް ވަރަށް މުހިންމު ކަމެއް. އެގޮތުން ދެކުނު އެފްރިކާގައާއި އެމެރިކާގެ ވޮޝިންޓަނުގައި އަދި ރަސިޔާގައި ދިވެހި އެމްބަސީއެއް ޤާއިމު ކުރުމަށް މިއަންނަނީ މަސައްކަތް ކުރަމުން. އޭގެ އިތުރުން ސައުދީ އަރަބިއްޔާގ ޖިއްދާގައި ދިވެހި ކޮންސިއުލޭޓެއް ޤާއިމު ކުރުމަށްވެސް ވަނީ ހަމަޖެހިފައި." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

އިތުރަށް ރައީސް ޞޯލިޙް ވިދާޅުވީ، ދިވެހިރާއްޖޭގެ އިޤްތިޞާދާއި، ތައުލީމީ ކުރިއެރުމުގައި ގިނަ އެހީތަކެއް ދެމުންއަންނަ ކޮމަންވެލްތާ އަލުން ގުޅުމަށްޓަކައި ދިވެހި ސަރުކާރުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމައުގެ އެހެން ބައިވެރިންނާ އެކުވެސް ހީނަރުވެފައިވާ ގުޅުންތައް އަލުން އާލާކޮށް ބަދަހިކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

"ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވަކިން ޚާއްޞަކޮށް ކިޔަވާ ކުދިންނަށް ކޮންސިއުލަރ ޚިދުމަތްތައް މިއަހަރުގެ ތެރޭގައި އިތުރަށް ފުޅާވެގެންދާނެ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅެ ވެގެން ގޮސްފައިވަނީ ބޭރު ދުނިޔޭގެ ފިއްތުންތައް ބޮޑު ދުވަސްތަކަކަށެވެ. އޭގެ ތެރޭގައި ހުޅަނގުގެ ގައުމުތަކުގެ އިތުރުން އަވަށްޓެރި އިންޑިއާގެ ފިއްތުންތައްވެސް ބޮޑުކަން ފާހަގަކޮށްލެވެއެވެ.  

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް