ކ. ގުޅި

ގުޅިން ދެ މަހުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ކ. ގުޅީގައި ހޯމް ކަރަންޓީންގައި ހުރި އުމުރުން ދެ މަހުގެ ތުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެރަށު ކައުންސިލް ސިއްހީ މަރުކަޒުގެ އޮފިޝަލަކު މިނޫހަށް އެކަން ކަށަވަރުކޮށްދެއްވާފައިވާއިރު، އެރަށުން ޕޮޒިޓިވްވެފައިވަނީ ދެމަހުގެ ތުއްތު އަންހެން ކުއްޖެއްކަމަށްވެސް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، ހޯމް ކަރަންޓީނު ނިންމުމަށްފަހު އެ ޢާއިލާންއިން ސާމްޕަލް ނަގާފައިވަނީ އިއްޔެ ކަމަށާއި، އޭގެ ނަތީޖާ މިއަދު ލިބިފައިވާއިރު، އެ ޢާއިލާއިން ޓެސްޓް ހެދި ފަސް މީހުންގެ ތެރެއިން އެކަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

އަދި އެ ތުއްތު ކުއްޖާގެ ޙާލު ރަނގަޅުކަމަށާއި، ކުއްޖާގެ ފަރާތުން ބަލީގެ އެއްވެސް ކަހަލަ ޢަލާމާތެއް ނުފެންނަކަށްވެސް ވިދާޅުވިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ޢާއިލާއިން އެ ތުއްތު ކުއްޖާގެ ޓެސްޓް ދެވަނަ ފަހަރަށް ހަދަން ބޭނުންވެއެވެ.

އެރަށު ކައުންސިލްގެ ރައީސް މުޙައްމަދު ފަތުޙުﷲ ވިދާޅުވީ، އެރަށުން ފެނުނު ކޮވިޑް ކޭސްއާއެކު ކައުންސިލުން ކުރަން ޖެހޭ ކަންކަން ކުރަމުންދާކަމަށެވެ.

މިއީ ކ.ގުޅިން ފެނުނު ކޮވިޑް-19 ގެ ފުރަތަމަ ފަހަރެވެ.

މިފަހަކަށް އައިސް އަތޮޅު ތެރޭގެ ބައެއް ރަށްތަކުން މިބައްޔަށް މީހުން ޕޮޒިޓިވް ވަމުން އަންނައިރު، އޭގެތެރޭގައި ގިނައީ ހޯމް ކަރަންޓީނަށް ރަށަށް އަންނަ މީހުންނެވެ.

މިހާތަނަށް މުޅި ޖުމްލަ ރާއްޖެއިން 6،370 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު، މިބަލިން 3915 މީހަކުވަނީ ރަނގަޅުވެފައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިބައްޔަށް ފަރުވާދޭ މީހުންގެ އަދަދަކީ 161 އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ