އައު ސަރުކާރުގެ އަމާޒަކީ 5 އަހަރު ނިމިގެންދާއިރު، ދައުލަތުގެ އާމްދަނީ އަހަރަކު 30 ބިލިއަބް ރުފިޔާއަށް މަތިކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.
ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ޞޯލިޙް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދަށް މިހާރު ލިބެމުން އަންނަ ކުރިއެރުމާއެކު މިއަހަރުގެ ތެރޭގައި ދައުލަތަށް 23.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކުރެވޭ ކަމަށާއި، އެއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 7.8 އިންސައްތަ އިތުރު މިންވަރެއް ކަމަށެވެ. އަދި އޭގެ ބޮޑު އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ އިޤްތިޞާދީ އަމާޒަކީ އަޅުގަނޑުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، ރާއްޖެއަށް އަހަރަކު ލިބޭ އާމްދަނީގެ މިންވަރު 30 ބިލިއަން ރުފިޔާއަށް އިތުރު ކުރުން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
ރައީސް ޞޯލިޙް ވިދާޅުވީ، ދިވެހި ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ އަހަރު ނިމުނުއިރު ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި ދައުލަތަށް 21.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި 25.5 ބިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މިދިޔަ އަހަރު ނިމުނުއިރު ބަޖެޓް އޮތީ 3.8 ބިލިއަން ރުފިޔާއިން ޑެފެސިޓް ވެފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ހަމައެހެންމެ 2018 ވަނަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނީގެ މިންވަރަކީ 47.9 ބިލިއަން ރުފިޔާ. މިއީ ޖީޑީޕީގެ ނިސްބަތުން 58 އިންސައްތަ." ދައުލަތުގެ ދަރަންޏާ ބެހޭގޮތުން ރައީސް ޞޯލިޙް ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، ރާއްޖޭގެ ސުލްހަމަސްލަސްކަމާއި، ހަމަޖެހުން އޮންނަނީ ދިވެހި އިޤްތިޞާދާއި ގުޅި ލާމެހިފައެވެ.