އިބްރާހީމް ރިފްއަތް - ފޮޓޯ: ރާއްޖެޓީވީ

މަޤާމުގައިހުރެ ޖީއެމްއާރާ ގުޅޭ އެއްވެސް ކަމެއް ނުނިންމަން - އޭޖީ

އެޓަރނީ ޖެނެރަލްގެ މަޤާމުގައި ހުންނަވައިގެން ދިވެހިރާއްޖޭގެ މައި އެއާޕޯޓް ކުރިން ހިންގި ޖީއެމްއާރާ ގުޅުންހުރި އެއްވެސް ކަމެއް ނިންމަވާފައި ނުވާނެކަމަށް އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތް ވިދާޅުވެއްޖެއެވެ.

އޭޖީ ރިފްއަތް މިހެން ވިދާޅުވެފައި މިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގި އިންޑިއާގެ ޖީއެމްއާރް ކުންފުނިން ދިވެހި ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ މައާފްކޮށްދޭން ބަންޑާރަނައިބު އިބްރާހިމް ރިއްފަތު އެދުނު ކަމުގެ ތުހުމަތުތަކެއް ފެންމަތިވެފައިވަނިކޮށެވެ.

"އޭ.ޖީ.ގެ މަޤާމުގައި ހުރެ ޖީ.އެމް.އާރު.އާގުޅޭގޮތުން އެއްވެސް ކަމެއް އަޅުގަނޑު ނިންމާފައެއް ނުވާނެ. ދައުލަތުގެ މަޞްލަޙަތު އިސްކުރަން. އަދި މަޞްލަޙަތު ފުށުއެރުމަކަށް ޖާގައެއް ނުދެން." ރިފްއަތް ޓްވިޓަރ މެދުވެރިކޮށް ވިދާޅުވިއެވެ.

ރިފްއަތް އިތުރަށް ވިދާޅުވީ، މަސައްކަތްކުރަނީ ޙައްޤުތަކުގެ ދިފާޢުގައި ކަމަށާއި، ވަޢުދުވީ ހާމަކަމާއެކު އިންޞާފު ކަށަވަރުކުރަން ކަމަށެވެ.

މީގެ ކުރިން ފެންމަތިވެފައިވާ މައުލޫމާތުތަކުގައިވާ ގޮތުގައި، ޖީއެމްއާރްއިން މީރާއަށް ދައްކަން ޖެހެނީ ބިޒްނަސް ޕްރޮފިޓް ޓެކްސް ނޫނީ ވިޔަފާރި ފައިދާގެ ގޮތުގައި 14.4 މިލިއަން ޑޮލަރު އަދި ވިތްހޯލްޑިންގް ޓެކްސްގެ ގޮތުގައި 2.8 މިލިއަން ޑޮލަރާއި އެ ފައިސާ ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި 3.3 މިލިއަން ޑޮލަރެވެ. އެއީ ޖުމްލަ، 20 މިލިއަނެއްހާ ޑޮލަރެވެ.

ދިވެހި މީޑއާއިން މިއަދު ރިޕޯޓް ކޮށްފައިވާ ގޮތުގައި، ރިއްފަތު ބަންޑާރަ ނައިބު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެ ފައިސާ ޖީއެމްއާރަށް މާފުކޮށް ދިނުމަށް މީރާގެ ކިބައިން އޭނާ ގެންދަވަނީ އެދިވަޑައިގަންނަވަމުންއެވެ. އެހެން ނަމަވެސް މީރާއިން އެކަމާ ދެކޮޅު ހަދަމުންދާ ކަމަށްވެސް މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

ރިފްއަތަކީ ސިންގަޕޫރުގެ އާބިޓްރޭޝަންގައި ޖީއެމްއާރުގެ ދިވެހި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ދީބާޖާއަށް އެތައް މިލިއަން ރުފިޔާއެއް ދައުލަތުން ދައްކަން ޖެހުމާ ގުޅިގެންވެސް ރިފްއަތަށް ކޮރަޕްޝަނުގެ ތުހުމަތުތައް އަމާޒުވިއެވެ. އެފަހަރުވެސް ރިފްއަތް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ