ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެންމެ އެކަށީގެންވަނީ ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިރޭ އޮތް ތަރާވީހަކަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މަޖިލީހުގެ ރައީސަކަށް ތާއީދު ކުރައްވަނީ ކޮން ބޭފުޅަކަށްތޯ ނޫސްވެރިއަކު ދެންނެވުމުން، ރައީސް ވިދާޅުވީ އެމަނިކުފާނުގެ މަގާމުގެ ހައިސިއްޔަތުން ވަކި ބޭފުޅެއްގެ ނަން ވިދާޅުވުން އެހާ ރަނގަޅެއް ނޫން ކަމަށާއި، އަފީފްއާ އެކު މަޖިލީހުގައި މަސައްކަތްޕުޅު ކުރައްވާފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ މަޖިލީހުގެ ރިޔާސަތަށް އެންމެ އެކަށީގެންވަނީ އަފީފް ކަމަށެވެ.
އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ނެރޭނެ މެމްބަރަކު ހޮވާނީ އެ ޕާޓީގެ އެތެރޭގައި ބާއްވާ އިންތިހާބަކުންނެވެ.
ރައީސް ސޯލިހް އަފީފަށް މަޖިލީހުގެ ރައީސްކަން ދިނުމަށް ތާއީދު ކުރާކަން ހާމަކޮށްފައިވާ އިރު ކުރީގެ ރައީސް ނަޝީދު ތާއީދު ކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއަށް ކަމަށް ވާހަކަ ދެކެވެއެވެ.