އައު ސަރުކާރުގެ އަމާޒަކީ އަހަރަކު 2.5 މިލިއަން ފަތުރުވެރިން ދިވެހިރާއްޖެއަށް ގެނައުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.
ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ޞޯލިޙް ވިދާޅުވީ، ރާއްޖޭގެ މުޅި އިޤތިޞާދުގެ 70 އިންސައްތަ ހިއްޞާ ކުރަނީ ފަތުރުވެރިކަން ކަމަށާއި، މިދިޔަ އަހަރު ނިމުނުއިރު ތަފާތު މަންޒިލްތަކަށް ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.
"މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ހުރި 145 ރިސޯޓާއި 521 ގެސްޓްހައުސްގައި 44860 އެނދު ހުރި. މިއަހަރުގެ ތެރޭގައި އަލަށް ހުޅުވާ 20 ރިސޯޓާއެކު ޓުއަރިސްޓް އެނދުގެ އަދަދު 47000 އަށްވުރެ އިތުރުވެގެންދާނެ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ރިސޯޓްތަކުގެ ޚިދުމަތް ފެށިގެންދާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނައުން ކަމަށާއި، މި ވެރިކަން ނިމޭއިރު އަހަރަކު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
"ދުނިޔޭގެ އިތުރު މާކެޓްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް، މި ވެރިކަމުގެ ފަސްއަހަރު ނިމޭއިރު އަހަރަކު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަޅުގަނޑުމެން މިވަނީ އަމާޒު ހިފާފައި." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅަކީވެސް ޚާއްޞަ ސިފަތަކެއް ލިބިގެންވާ ނާޒުކު އަތޮޅުތަކެއް ކަމަށްވާއިރު، އެކަންކަމަށް ފަތުރުވެރިންގެ ސަމާލުކަން އިތުރުކޮށް ރާއްޖޭގެ އެކި ސަރަހައްދުތައް ވަކި ވަކި މަންޒިލްތަކެއްގެ ގޮތުގައި ތަރައްޤީކޮށް މާކެޓް ކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށާއި، އޭރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އުތުރާއި ދެކުނަށް ފަތުރުވެރިކަން އެކަށީގެންވާ ގޮތެއްގައި ތައާރަފް ކުރުމަކީ ވޭތުވެދިޔަ ސަރުކާރުތަކަށް ކުރެވިފައިވާ ކަމެއް ނޫނެވެ.