ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް، "ނޭޝަނަލް ހައުސިންގ ކޯޕަރޭޝަން" ގެ ނަމުގައި އައު ކުންފުންޏެއް އުފެއްދުމަށް ގަސްދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ޞޯލިޙް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަށް، ޢަދުލުވެރި އަދި އިތުބާރު ހިފޭ ޙައްލެއް ހޯދުމަށްޓަކައި، [ހައުސިންގ ނީޑް އެސެސްމަންޓް] ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިވާ ކަމަށާއި، އެ މަސައްކަތް ނިމުމުން، މުޅި ރާއްޖެއަށް އަމާޒުކޮށް، ބޯހިޔާވަހިކަމުގެ ޤައުމީ ސިޔާސަތު އެކުލަވާލައި، ތަންފީޒުކުރަން މި އަހަރު ފެށޭނެ ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް، އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި، [ނޭޝަނަލް ހައުސިންގ ކޯޕަރޭޝަން]ގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް އަޅުގަނޑު ގަސްދުކުރަން. އަޅުގަނޑުގެ އަމާޒަކީ، މީގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށްވުރެ، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެކި ރަށްރަށުގައި މި އަހަރު އަލަށް ފަށާ 550 ހައުސިންގ ޔުނިޓްގެ މަސައްކަތް، ބީލަމަށްލުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށާއި، މަސައްކަތް ފަށައި، ނުނިމި ހުރި 1500 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތްވެސް މިހާރު އަލުން ފަށާފައިވާ ކަމަށެވެ.
"މާލޭގައި ދިރިއުޅޭ މީހުންނަށް، ހުޅުމާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތްވެސް، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. ކުރީ ސަރުކާރުގެ [ހިޔާ] މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީފައިވާ މީހުންނާއި، މަތިން ޕޮއިންޓް ލިބި، ފްލެޓް ނުލިބުނު މީހުންގެ މައްސަލަތަކަކީވެސް، ކުރީ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ މައްސަލަތަކެއް." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
ރައީސް ޞޯލިޙް އިތުރަށް ވިދާޅުވީ، ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ކަންކަމާއި، ގުޅީފަޅު މަޝްރޫޢުގެ މައްސަލަވެސް، މި ސަރުކާރުން ޙައްލުކޮށްދޭއްވާނެ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ހައްލު ނުވެ އޮތް ޤައުމީ މައްސަލައެކެވެ. އެހެންކަމުން ސަރުކާރުން ތަރައްޤީކުރާ ފްލެޓްތަކުގެ އިންތިޒާރުގައި އެތައް ހާސް ރައްޔިތުންނެއް ތިބެއެވެ.