އިންޑިއާގެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށް ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކޮށްފައިވާ ނަރެންދުރަ މޯދީ އަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަރުހަބާ ދަންނަވައިފި އެވެ.
ރައީސް ސޯލިހް ދާދި ދެންމެއަކު ނަރެންދުރަ މޯދީ ޓެގު ކުރައްވާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބު ކުރެއްވި ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މި ނަތީޖާއިން ދައްކައިދެނީ އިންޑިޔާ ރައްޔިތުން މޯދީ އަށާއި ބީޖޭޕީ ސަރުކާރަށް ކުރާ އިތުބާރު ކަމަށެވެ.
މަސް ދުވަހަށް ދިގު ދެމިގެން ދިޔަ ވޯޓުލުން ނިންމައި މިއަދު ވޯޓު ގުނަން ފަށާފައި ވާއިރު އެންމެ ފުރަތަމަ ހާމަކުރި ނަތީޖާތަކުން މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ވަނީ 542 ގޮނޑީގެ ތެރެއިން 292 ގޮނޑި ކަށަވަރުކޮށްފަ އެވެ. އިދިކޮޅު ނެޝަނަލް ކޮންގްރެސް ޕާޓީ އަށް ކާމިޔާބު ކުރެވިފައިވަނީ 51 ގޮނޑިއެވެ.
ވޯޓު ގުނަމުން ދާތީ، މި ނަތީޖާ އަށް އަދި ބަދަލު އަންނާނެ އެވެ.