ހަލުވިކަމާއެކު މުޅިދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 24 މިލިއަނަށް އަރައިފިއެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 24,092,709 އެވެ. އަދި މިބަލީގައި 824,194 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި މިހާތަނަށް ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ، 16,634,338 މީހުންނެވެ.
މިހާތަނަށް ދުނިޔޭގެ 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަހަށް ޕޮސިޓިވްވެ އަދި މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 5,956,160 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު، 182,421 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮސިޓިވް ވެފައިވަނީ ބްރެޒިލް އިންނެވެ. އެޤައުމުން މިހާތަނަށް 3,674,176 މީހަކު މި ބައްޔަށް ވަނީ ޕޮސިޓިވްވެފައެވެ. އަދި 116,666 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ
ތިންވަނައަށް އެންމެ ގިނަ ބައްޔަށް ޕޮސިޓިވް ވެފައިވަނީ އިންޑީއާއިންނެވެ. އެޤައުމުން މިހާތަނަށް 3,239,096 މީހަކު މި ބައްޔަށް ވަނީ ޕޮސިޓިވްވެފައެވެ. އަދި 59,64 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި، މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވެ މަރުވި އެމެރިކާ އާއި ބްރެޒިލްގެ އިތުރުން ރަޝިޔާ އާއި އަވައްޓެރި އިންޑިއާ އަދި މެކްސިކޯ ހިމެނެއެވެ.




