މާލޭ އާޓިފިޝަލް ބީޗުގެ މޫދަށް އެރޭ ސަރަޙައްދުގެ މަސައްކަތް ކުރިއަށްއޮތް ދެތިންދުވަސް ތެރޭ ނިންމާލައި އާންމުންނަށް ބޭނުންކުރެވޭވަރު ވާނެކަމަށް އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
މާލޭ އާޓިފިޝަލް ބީޗު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ އާޓިފިޝަލް ބީޗު ސަރަޙައްދުގެ މަސައްކަތް ކުރިއަށްގެންދަނީ ވަކި ކޮންސެޕްޓަކަށްކަމުން އޭގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
ބާރު ސްޕީޑުގައި މިމަސައްކަތް ކުރަމުންދާއިރު އެސަރަޙައްދުގައި ހަރުކުރުމަށް ހަމަޖެހިފައިވާ ލައިޓުފަދަ ބައެއް ތަކެތި ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ މި މަސައްކަތް ކުރިއަށްދާއިރު ބައެއް ދަތިތައް ހުރިނަމަވެސް މަސައްކަތް ކުރަމުން ދަނީ ކޮންޓްރެކްޓްގައި މަސައްކަތް ނިންމަން ކަނޑައަޅާފައިއޮތް ތާރީޚުގެ ކުރިން ނިންމުމަށް ކަމަށެވެ. މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ ޖުލައިމަހުގެ ނިޔަލަށެވެ.