ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ކުވައިތުން އިންޑިއާ އަށް ދަތުރުކުރަމުން ދިޔަ ތެޔޮ ޓޭންކަަރުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓުރޯލް ކުރެވިފައިވާ ކަމަށް އިންޑިއާގެ ކޯސްޓްގާޑުން ބުނެފިއެވެ.
އިންޑިއާގެ ކޯސްޓްގާޑުގެ ރަސްމީ ފޭސްބުކް ޕޭޖުން ބުނެފައިވަނީ، ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ "ދަ ނިއު ޑައިމަންޑް" ނަމަކަށް ކިޔާ ޓޭންކަރުގައި ރޯވެ އަނދަމުންދިޔަ އަލިފާންގަނޑު މިރޭ 19:00 ހާއިރު ކޮންޓުރޯލް ކޮށްފައިވާ ކަމަށެވެ.
ތެޔޮ ޓޭންކަރުގައި ރޯވި އަލިފާންގަނޑު އިންޑިއާ ކޯސްޓްގާޑާއި އަދި ލަންކާގެ ކޯސްޓްގާޑާއި ގުޅިގެން ނިއްވާލައިފައި މިވަނީ އެ ޓޭންކަރުގައި ހުރި 270،000 ޓަނު ނުވަތަ ދެ މިލިޔަން ފީފާގެ ސާފު ނުކުރާ ތެޔޮ ކަނޑަށް ބޭރުވެ މިސަރަހައްދުގެ ކަނޑުގެ ދިރުންތަކަށް އަސަރުކޮށްފާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށެވެ.
ދާދިފަހުން މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގައި ހިނގި މިފަދަ ހާދިސާއެއްގައި ތެޔޮޓޭންކަރެއް ހަލާކުވެ އެ ޓޭންކަރުގައި ހުރި ގިނަ އަދަދެއްގެ ތެޔޮތައް މޫދަށް އެޅުމާއި ގުޅިގެން އެސަރަހައްދުގެ ކަނޑުގެ ދިރުންތަކަށްވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިގޮތުން މިހާރުވެސް މި ތެލުގެ ސަބަބުން ކޯމަސްފަދަ ކަނޑުގެ ދިރުންތައް މަރުވެ އެގައުމުގެ ގޮނޑުތައްތަކަށް އަންނަނީ ލައްގަމުންނެވެ.
ދަ ނިއު ޑައިމަންޑް ޓޭންކަރުގައި ރޯވީ އިންޑިއަން އޮއިލް ކޯޕަރޭޝަނުން ޗާޓަރުކޮށްްގެން އެގައުމުގެ ޕްރަދީޕް ބަނދަރަށް ދަތުކުރަނިކޮށެވެ. އެބޯޓްގައި އަލިފާން ރޯވީ އިއްޔެ ހެނދުނު އެވެ.




