އެމެރިކާއިން މެދުއިރުމައްޗަށް އިތުރު ސިފައިން ފޮނުވަނީ

އެމެރިކާއާއި އީރާނާއި ދެމެދުގައި ހޫނުވެފައިވާ މަޝްރަހު ފިނިނުވެ އިތުރަށް ހޫނުވެގެންދާނެ ގޮތަށް އެމެރިކާގެ އިތުރު ސިފައިން މެދުއިރުމައްޗަށް ފޮނުވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ނިންމަވައިފިއެވެ.

ހުކުރު ދުވަހު ވައިޓްހައުސްގައި ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ޓުރަމްޕް ވިދާޅުވީ، މެދުއިރުމައްޗަށް 1500 ސިފައިން ފޮނުވަން ނިންމައިފައި ވާކަމަށާއި، މި ސިފައިންގެ ފައުޖު ފޮނުވަނީ އެސަރަހައްދުގައި މިހާރުވާ ފައުޖުގެ ރައްކާތެރި ކަމަށްޓަކަ އެވެ.

"އީރާނުން ހަނގުރާމަ ކުރަން ބޭނުން ކަމަކަށް ނުފެނޭ، އަދި ހާއްސަކޮށް އެމެރިކާ އާއި ދެކޮޅަށް އީރާނުން ހަނގުރާމަ ކުރަން ބޭނުންވާކަމަކަށް ނުފެނޭ" ޓުރަމްޕް ވިދާޅުވިއެވެ.

ޓުރަމްޕުގެ ވާހަކަ އީރާނުން ބަލި ގަބޫލު ކޮށްފައިވާ މޭރުމަކުން ހުރި ނަމަވެސް އީރާނުގެ ވާހަކަ ހުރީ މާ ހަރުކަށި ކޮށެވެ. މިގޮތުން އީރާނުގެ ހަރިޖީ ވަޒީރު ޖަވާދު ޒާރިފް ޕާކިސްތާނަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ވިދާޅުވީ، އީރާނުން ޓުރަމްޕުގެ ނިމުން ދެކޭނެ ކަމަށާއި ނަމަވެސް ޓުރަމްޕަށް އީރާނުގެ ނިމުން ނުފެންނާނެ ކަމަށެވެ.

އެމެރިކާއިން އީރާނު އެކަހެރިކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅައި އަދި މިހާރު ހަނގުރާމައިގެ ބެރު ޖަހަމުންދަނީ އީރާނުން ނިއުކުލިއަރ ހަތިޔާރު އުފައްދާ ކަމަށް ބުނެއެވެ. ނަމަވެސް އީރާނުން މިކަން ދޮގު ކުރެއެވެ. އެމެރިކާއިން އިރާގަށް ހަމަލާ ދިނުމަށްވެސް ދެއްކި ބަހަނާ އަކީ ނިއުކުލިއަރ ހަތިޔާރު އުފައްދާ ކަމުގެ ތުހުމަތެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް އިރާގުން، އެމެރިކާއަށް ނިއުކުލިއަރ ހަތިޔާރު ފެނިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް