ހަނިމާދޫއަށް އިންޑިއާގެ 2 އަސްކަރީ މަތިންދާބޯޓު ޖައްސާފައިވަނީ ހުށަހަޅަންޖެހޭ ލިޔެކިޔުން ފުރިހަމަކޮށް ހޯދަންޖެހޭ ހުއްދަ ހޯދައިގެންކަމަށް މޯލްޑިވްސް އިމިގްރޭޝަންއިން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ އިމިގްރޭޝަނަށް އެންގުމަކާ ނުލާ މިއަދު ހަނިމާދޫ އެއަރޕޯޓަށް އަސްކަރީ މަތިންދާބޯޓެއް ޖެއްސިކަމަށް ބުނެ، ޚަބަރު ފަތުރާ ބައެއް ނޫސްތަކުގައި ލިޔެފައިވާ ލިޔުންތަކަކީ ސައްޙަ މަޢުލޫމާތެއް ނޫންކަމަށެވެ.
މިއަދު ހެނދުނު ހަނިމާދޫ އެއާޕޯޓަށް ޖައްސާފައިވަނީ ޑޯނިއާ-228 މަރުކާގެ 2 މަތިންދާބޯޓެވެ. މި 2 ބޯޓު ޖައްސާފައިވަނީ ހެނދުނު 10:15 ހާއިރު އެވެ.
އިމިގްރޭޝަނަށް އެންގުމަކާ ނުލާ މިއަދު ހަނިމާދޫ އެއަރޕޯޓަށް އަސްކަރީ މަތިންދާބޯޓެއް ޖެއްސިކަމަށް ބުނެ، ޚަބަރު ފަތުރާ ބައެއް ނޫސްތަކުގައި ލިޔެފައިވާ ލިޔުންތަކަކީ ސައްޙަ މަޢުލޫމާތެއް ނޫންކަމުގައި ދަންނަވަމެވެ.
— Maldives Immigration (@ImmigrationMV) September 8, 2020
"މި އުޅަނދަށް އިމިގްރޭޝަން ކްލިއަރެންސް ދީފައިވަނީ، އިމިގްރޭޝަނަށް ހުށަހަޅަންޖެހޭ ލިޔެކިޔުން ފުރިހަމަކޮށް، ހޯދަންޖެހޭ ހުއްދަތައް ހޯދާފައިވުމުންނެވެ." އިމިގްރޭޝަންގެ ޓްވީޓެއްގައި ވެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މިއަދު އިންޑިއާގެ 2 އަސްކަރީ މަތިންދާ ބޯޓު ހަނިމާދޫއަށް ޖައްސާފައިވަނީ ދިވެހި ރާއްޖޭގެ ސިފައިންނާއި އިންޑިއާގެ ނޭވީ ސިފައިން ގުޅިގެން ހިންގާ އޮޕަރޭޝަނަކަށް ކަމަށެވެ.
އިދިކޮޅު ގިނަ އަދަދެއްގެ ބަޔަކު އިންޑިއާ އިން ރާއްޖެއަށް އަތްގަދަ ކުރަމުންދާ ކަމަށް ބުނެ “އިންޑިއާއައުޓު” ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފައްޓާފައިވެއެވެ. އެގޮތުން ގިނަ ބަޔަކު އަންނަނީ މި ގައުމަށް އިންޑިއާ އިން އެހީތެރިކަން ދެނީ އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ބެހެއްޓުމަށް ކަމަށް ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގު ކޮށްފައެވެ.




