ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅުންތެރިން ނުގެނެވޭގޮތަށް ސަސްޕެންޑްކުރަން ފީފާއިން ނިންމައިފި އެވެ.
ފީފާއިން މިގޮތަށް ނިންމައިފައި މިވަނީ، އަފްގާނިސްތާނުގެ ކުރީގެ ކެޕްޓަން ހާރޫން އަމީރީ އަށް ނިއުއިން ދޭން ޖެހޭ މުސާރަ ދޭން އެންގުމުން އެކަމަށް އިޖާބަދީފައިނުވާތީ އެވެ.
ދުނިޔޭގެ މައި ފުޓްބޯޅަ ޖަމާއަތުގެ ސަސްޕެންޝަނެއް ނިއުއަށް އައިސްފައި މިވަނީ އެފްއޭއެމުން ނިއު ފުޓްބޯޅައިގެ ހުރިހާ ހަރަކާތަތަކުން ސަސްޕެންޑްކޮށްފައި އޮއްވަ އެވެ. އެއީ ދިވެހި ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލާގަ އެވެ.
ފީފާއިން ބުނެފައިވަނީ މި ފައިސާ ޖަމާކުރުކަން ނިއުއަށް ސާބިތުކޮށްނުދެވިއްޖެނަމަ އެޓީމަށް އެއްވެސް ކުޅުންތެރިއަކު ރަޖިސްޓްރީ ނުކުރެވޭނެ ކަމަށެވެ. އެއީ ދިވެހި އަދި ބިދޭސީ ކުޅުންތެރިން ހިމެނޭ ގޮތަށެވެ.
ހާރޫން އަމީރީ ނިއުއާ ދެކޮޅަށް މައްސަލަ ޖެއްސީ ޓީމާމެދު ހިތްހަމަނުޖެހިގެން ފުރައިގެން ދިއުމަށްފަހު އެވެ. އޭނާ މާލޭގައި ހުރި ތަނުން ނެރުނު މައްސަލާގައި ނިއުގެ މެނޭޖްމަންޓާ ބޮޑު ޒުވާބުގަނޑެއް ވެސް ހިނގި އެވެ.
އޭނާގެ އިތުރުން ނިއުއަށް މިދިޔަ ދެ އަހަރު ކުޅުނު 8 ކުޅުންތެރިއެއްގެ މައްސަލަ ވެސް ފީފާއިން ދަނީ ބަލަމުންނެވެ.



