ރައީސް ޞޯލިޙްގެ ފުރަތަމަ ރިޔާސީ ބަޔާން އުއްމީދުން ފުރިފައި

ކުޑަ ޖަޒީރާ ޤައުމަކަށް ދިވެހިން ނިސްބަތްވުމީ ދިވެހިންގެ ފަޚުރެވެ. ވަކި ރަށްތަކެއްގައި ވަޒަންވެރިވެފައިވުމީ ދިވެހިންނަށް ޚާއްޞަ ސިފައެކެވެ. ނަމަވެސް ކޮންމެ ރައްޔިތަކުވެސް ވޯޓުލައި ޤައުމުގެ މުސްތަޤްބަލު ބައްޓަންކުރުމުގައި ބައިވެރިވެއެވެ. އެ ބައިވެރިވުމުގެ ތެރެއިން ދިވެހިން އެންމެ ފަހުން ނިންމި ނިންމުމަކީ މީގެ ކުރިން މާބޮޑު މަޤްބޫލުކަމެއް ހޯއްދަވާފައި ނުވާ ބޭފުޅަކަށް ޤައުމުގެ ހުންގާނު ހަވާލު ކުރުމަށް ނިންމުމެވެ.

އާދެ! އިބްރާހީމް މުޙައްމަދު ޞޯލިޙް ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ވޭތުވެދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހެވެ. ވެރިކަމުގެ ދައުރުގައި ފެށުނު އައު އަހަރާއެކު މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސް ޞޯލިޙް މިވަނީ ރިޔާސީ ބަޔާން އިއްވަވާފައެވެ. އަމާންކަމާ އޮމާންކަމުގެ ތެރެއިންނެވެ. ފޮނި އުއްމީދުތަކެއް ކުރުވަމުންނެވެ. ރާއްޖޭގެ ވެރިކަމުގައި ހުންނަވާ ދެއްވި ފުރަތަމަ ރިޔާސީ ބަޔާން ވެގެން ގޮސްފައިވަނީ ދިވެހިންގެ ގިނަ އުއްމީދު ތަކަކާ ގުޅިފައިވާ އުއްމީދީ ރިޔާސީ ބަޔާނަކަށެވެ. މުހިންމު ގިނަ މައްސަލަތަކަކަށް އަލި އަޅުއްވާލައްވާފައިވާ ފުރިހަމަ ރިޔާސީ ބަޔާނަކަށެވެ.

ރިޔާސީ ބަޔާން ފައްޓަވަމުން ރައީސް ވިދާޅުވީ، މިނިވަން ސިޔާސީ ޙަރަކާތްތަކަށާއި، ތަފާތު ސިޔާސީ ފިކުރުތަކަށް އަމާން މާޙައުލެއް ތަނަވަސްވެފައިވުމުން، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް ދިރުން ލިބި، ރައްޔިތުންގެ އުފާވެރިކަން އިތުރުވެފައިވާ ކަމަށެވެ. ކޮންފަދަ އުފާވެރިކަމެއްތޯއެވެ.

"ރައްޔިތުން އަޅުގަނޑު މި މަޤާމަށް އިސްކުރީ، ކޮރަޕްޝަނާއި ވައްކަމުގެ ކިލަނބުކަން ދޫކޮށް، ނަޒާހަތްތެރިކަމާއެކު އަބުރުވެރި ދިރިއުޅުމަކަށް ކުރި އުންމީދުގައި. އަނިޔާއާއި ބޭއިންސާފުގެ ނާމާންކަމުން، ޢަދުލު އިންޞާފުގެ މަގަށް ރުޖޫޢަވާން އެދޭތީ. ސިޔާސީ ބިރުވެރިކަން ނައްތާލައި، އިޖުތިމާޢީ އަމާންކަން ޤާއިމުވާން ބޭނުންވާތީ. މި ޖަޒީރާ ރަށްތަކުގައި ބިރުވެރިކަމެއްނެތި، ހިތްހަމަޖެހިގެން، އަމިއްލަ ޙަލާލު މަސައްކަތުން އާމްދަނީ ހޯދައި، ފަޚުރުވެރި ޢާއިލާއެއް ބިނާކުރުމަށް ބޭނުންވާތީ. ހަމައެފަދައިން މިއަދާ ހަމައަށްވެސް ކަށަވަރުނުވެހުރި، އަސާސީ ބޭނުންތައް ކަމަށްވާ، ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުވާނެ ކަމުގެ ފޮނި އުންމީދުގައި." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

އެ ވިދާޅުވީ، ޤައުމީ މައްސަލަތަކެވެ. މުޅި މުޖުތަމައު އެކަންކަމަށް ބޭނުންވެފައިވާ ނުހަނު މުހިންމު ކަންތައްތަކެއްގެ ވާހަކައެވެ. ޖަވާބުގައި ރައީސް ވިދާޅުވީ، "އެކަންކަން ފުރިހަމަކޮށްދިނުމަށް، މި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި ދެމިހުންނާނެ ކަމުގެ ޔަޤީންކަން އަރުވާ" ކަމަށެވެ. ރިޔާސީ ބަޔާނުން ދިވެހި ރައްޔިތުން ބޭނުންވި ކަމަކީ އެއީ ނޫންތޯއެވެ.

ރައީސް ވިދާޅުވީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ހިޔަލުގައި، ކުރައްވަމުން ގެންދަވަނީ ޤާނޫނުގެ ވެރިކަމެއް ކަމަށާއި، ދައުލަތުގެ އެންމެހާ ކަންކަން މިސްރާބު ކުރެވިފައިވަނީ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށްދިނުމުގެ އިތުރުން ރައްޔިތުންނަށް އުފާފާގަތިކަމާއި ތަނަވަސްކަން ހޯދައިދިނުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަނާ ފަސާދައާއި ވައްކަމަށް ދެއްވާނީ ޒީރޯ ޓޮލެރެންސް ކަމަށެވެ. އެފަދަ ޖަރީމާތައް ހިންގެވި ފަރާތްތައް ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ހޯއްދަވައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ދިވެހި ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް ތަރުތީބު ކުރެވެމުން ދާނީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މައްޗަށް ކަމަށެވެ. ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖެ ބާކީވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް އިތުރު ތިން ޤައުމެއްގައި ރާއްޖޭގެ އެމްބަސީ ހުޅުވާނެ ކަމަށް ވިދާޅުވިއެވެ. ދވެހިން އަޅުމަށް ދަތުރުކުރާ ސައުދީގެ ޖިއްދާގައި ދިވެހި ސަރުކާރުގެ ކޮންސިއުލޭޓެއް ޤާއިމު ކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އިކޮނޮމިސްޓެއް ނޫން ނަމަވެސް ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ދުވެލި 7.6 އިންސައްތައިގައި އަދި އިންފްލޭޝަނ ޜޭޓް 1.3 އިންސައްތައިގައި ހިފަހައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއިރު، ރާއްޖޭގެ އަހަރެއްގެ އާމްދަނީ 30 ބިލިއަނަށް އިތުރު ކުރެއްވުމަށާއި، ދައުލަތުގެ ރިޒާވް އެއް ބިލިއަނަށް އުފުއްލަވަންވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

""ނޫ އިޤްތިޞާދު"ގެ ތަޞައްވުރަކީ ޢުމްރާނީ ތަރައްޤީއަށް ކުރާ ހޭދަ ކުޑަނުކޮށް، މިހާރު ހިނގަމުންދާ މަޝްރޫޢުތައް އަވަހަށް ނިންމައި، އުފެއްދުންތެރިކަން ކުރިއަށް ޖެއްސޭނެ، އިޤްތިޞާދީ އައު މަޝްރޫޢުތަކަށްވެސް ޖާގަދިނުން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރު ކުންފުނިތައް ވަނުން ހުއްޓާލައްވައި، ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް މާލީ ހާލަތު ރަނގަޅު ކުރައްވާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކޮޅަށްޖަހައިދެއްވާނެ ކަމަށް ރައީސް ވިދާޅުވުމީ އުއްމީދީ ވާހަކައެކެވެ. ހަމަ އެއާއެކު ޤައުމީ ތަރައްޤީގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް ރައީސް ގެންގުޅުއްވާ ވިސްނުންފުޅަކީވެސް ފިސާރި ރަނގަޅު ހިޔާލެއްކަން ގައިމެވެ.

ފަތުރުވެރިކަމުގެ ދާއިރާ ބޮޑުތަނުން ކުރިއަރުވައި، ދައުރު ނިމެންވާއިރަށް އަހަރަކު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުމަށް ސަރުކާރުން ހިއްޕެވި އަމާޒަކީ ދޫކޮށްލައިގެން ވާނެ ކަމެއް ނޫނެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފޫޅާ ކުރައްވަން ރައީސް ނެރުއްވި ވިސްނުންފުޅު އެތައް ދިވެހިންނެއްގެ އުއްމީދާ ވަނީ ގުޅި ލާމެހިފައެވެ. ފަތުރުވެރިކަމާއެކު ދިވެހިރާއްޖޭގެ މައި ވައިގެ ބަނދަރާއި ކަނޑުގެ ބަނދަރު ތަރައްޤީ ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްޤީ ކުރެއްވުމަށްޓަކައި މަސްވެރީންނަށާއި ދަނޑުވެރީންނަށް މާލީ އިދާރާތަކާއި ބޭންކުތަކުގެ ލޯނާއި، ކްރެޑިޓް ސްކީމްގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮއްދެއްވާނެ ކަމަށާއި، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި މިފްކޯގެ ހިންގުން ހަރުދަނާކޮށް ފޯރުންތެރިކަން އިތުރުކުރއްވަން ރައީސް ހުންނެވީ އަޒުމު ކަނޑައަޅުއްވައިގެންނެވެ.

ސަރުކާރުގެ އަމާޒަކީ ޓެކްސްގެ ނިޒާމު މިހާރަށްވުރެ ފުރިހަމަކުރުމުގެ ގޮތުން، އާމްދަނީ ލިބޭ ނިސްބަތަށް ބިނާކޮށް، އަންނަ އަހަރުން ފެށިގެން އިންކަމް ޓެކްސް ނެގުމެވެ. ޓެކްނޮލޮޖީގެ މަންފާ، ވީހާ ގިނަ ރައްޔިތުންނަށް ލިބޭނެ ގޮތަށް، ޑިޖިޓަލް ކޮމިޔުނިކޭޝަންގެ ޚިދުމަތް ފުޅާކުރުމެވެ. ތަރައްޤީގެ ރަސްމަގު ހޯދުމަށްޓަކައި ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުމަށް، ދިވެހި ޒުވާނުން ރާއްޖޭގައި ތިބެގެން، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެގޮތް، މި މަސް ނިމުމުގެ ކުރިން ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވި ނޫންތޯއެވެ.

ބޯހިޔާވަހިކަމާއި، ގެދުރުވެރިކަމުގެ ކަންކަން ހަމަ މަގަށް އަޅުވަން ސަރުކާރު އޮތީ ތައްޔާރަށެވެ. ހަމަ ހަމަކަމާއި އިންސާފު ޤާއިމު ކުރުމަށް ރައީސް ހުންނެވީ އަރުވާ ޖައްސަވައިގެންނެވެ. ޤައުމީ މައްސަލަތަކާ ކުރިމަތި ލެއްވުމަށް ރައީސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެކަން މިއަދުގެ ރިޔާސީ ބަޔާނުން ވަރަށް ސާފުކޮށް ހާމަވެގެން ގޮސްފިއެވެ. ރައީސް ޞޯލިޙްގެ ފުރަޔަމަ ރިޔާސީ ބަޔާން ވަރަށް ފުރިހަމައެވެ. އެތައް އުއްމީދަކާ ވަނީ ގުޅި ލާމެހިފައެވެ. ރައްޔިތުން ބޭނުންވަނީ އެ އުއްމީދީ ރިޔާސީ ބަޔާނުގައި ކުލަ ޖެހިގެން ދިއުމެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙަށާއި ދައުލަތާއި ސަރުކާރުގެ ވެރިންނަށް ފަސޭހަ ދުވަސްތަކަކަށް އެދެމެވެ. ދިވެހި ރައްޔިތުންނަށް އުއްމީދީ ކުރިމަގަކަށް އެދެމެވެ.

މިލިޔުން ކިޔާލުމުން
5
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ